15 Oct 2015, 16:18
އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ ސ. ހިތަދޫ، އަތީނާ، ހުސައިން ޝިއާރު މަރާލި ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ ސ. ހިތަދޫ ހަނދުވަރު އިސްމާއީލް ރަޝީދާއި އެ ރަށު ޗާންދުމާގޭ އަލީ ސަމްޢާނާއި ސ. މަރަދޫ އޮނުފީނިގޭ މުހައްމަދު ނިފާޒުގެ އިތުރުން ހަމަ އެ ރަށު ގަނދަކޯޅިގޭ މުހައްމަދު އަޒާނު އަލީގެ މައްޗަށެވެ.
ޝިއާރު މަރުވެފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނުއެއްޗަކުން ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ.
ދައުލަތުން ދައުވާ އިއްވުމުން އެ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށް ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 9:00 އާއި 9:15 އާ ދެމެދުގެ ވަގުތެއްގައި ދެ ކަތިވަޅި ހިފައިގެން އެމީހުން އުޅެފައިވާ ކަމަށެވެ.
އޭގެ ފަހުން ކަޅުކުލައިގެ މާސްކުތަކެއް އަޅައިގެން އެރޭ 10:00އާ 10:30އާ ދެމެދުގެ ވަގުތެއްގައި އެމީހުން ތޫނު އެއްޗަކުން ޝިއާރަށް ހަމަލާދީފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ތިމަންނައަށް "ހަމަލާދިނީ އަޒާންމެން ކަމަށް" ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އިރު ޝިއާރު ބުނި ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.