ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުނުކުރެވިގެން ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތަށް ނުގޮސް ސުލްހަވެރި ހައްލެއް ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން އެއްގަލަކަށް ނާރައި ނިންމާލައިފި އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި އެ މަޝްވަރާ ބައްދަލުވުމަށް ރައީސް ނަޝީދު ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯޓަށް މައްސަލަ ހުށަހެޅުއްވި އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މިއަދުގެ ބައްދަލުވުން ނިންމާލީ ދައުލަތަށް އިތުރު ފުރުސަތެއް ދިނުމަށް ފަހު ކަމަށެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އެ މައްސަލައިގެ ދެ ވަނަ މަޝްވަރާ ބައްދަލުވުން މިހާރު ވަނީ އާދީއްތަ ދުވަހަށް ތާވަލްކޮށްފަ އެވެ.

"އަޅުގަނޑުމެން ދައުވާކޮށްފައި އޮތް އުސޫލު އެއީ ކުރިން ވެސް އޮތްގޮތާ އެބޭފުޅުން [ދައުލަތުން] ވިދާޅުވާ ގޮތާ އެއްބަސް ނުވެގެން އިތުރު ދުވަހަކު ވާހަކަ ދައްކަން ދައުލަތުން ބޭނުން ވަނީ،" ނާޒިމް ވިދާޅުވި އެވެ.

ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސާފައި އޮންނަނީ ރައީސް ނަޝީދުގެ އާއިލާގެ މީހުންނާ ބައްދަލުކުރެވޭ ގޮތަށެވެ. އެ އުސޫލުގައި އާއިލާ އަކީ ކޮބައިކަން މާނަކޮށްފައި ނޯންނާތީ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އަނބިދަރިންނާއި ބޮޑު ބޭބެއިންނާއި ބޮޑު ދައިތައިންގެ އިތުރުން ދެބެންގެ ދެދަރި މީހުންނަށް ވެސް ބައްދަލުކުރެވެ އެވެ.

ނަމަވެސް އޭގެ ފަހުން ކަރެކްޝަނަލް ސާވިސް އިން ވަނީ އެ އުސޫލު ބަދަލުކޮށް އެމަނިކުފާނާ ބައްދަލު ކުރެވޭނީ މައިން ބަފައިންނާއި އަނބިދަރިންނަށް ކަމުގައި ހަމަޖައްސައިފަ އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އެގޮތަށް ހަމަޖައްސާފައި ވަނިކޮށް ރައީސް ނަޝީދުގެ އެދިލެއްވުމުގެ މަތިން ކަރެކްޝަނަލް ސާވިސް އިން ވަނީ އެއްބަނޑު އެއްބަފާ މީހުންނާއި ބޮޑުދައިތަ އިންނާއި ބޮޑުބޭބެއިންނަށް ވެސް ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސާފަ އެވެ.

މިހާރު ދެ ފަރާތުން އެއްގަލަކަށް ނޭރިގެން އުޅެނީ ދެބެއިންގެ ދެދަރި މީހުންނަށް ރައީސް ނަޝީދާ ބައްދަލުކުރެވޭނެ ގޮތެއް ނެތުމުންނެވެ.