ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނަށް 48 ގަޑިއިރު ނުވަނީސް ނުއަގުގައި ޑޮލަރު ވިއްކަމުން ދިޔަ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ނުއަގުގައި ޑޮލަރު ވިއްކަމުން ދިޔަ މީހަކު ހައްޔަރުކޮށްފައި ވަނީ ޗާނދަނީ މަގު ޓްރެފިކްލައިޓް ކައިރީގައި ހުންނަ ފިހާރައަކުން ކަމަށެވެ.

"އެއީ ނުއަގުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި މީހެއް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެ މައްސަލައިގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ފުލުހުން އަންނަނީ ނުއަގުގައި ޑޮލަރު ވިއްކާ ކަމަށް ބެލެވޭ ތަންތަނަށް ވަދެ ފާސްކުރަމުން ނެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން އެމެރިކާ ޑޮލަރު ގަންނަ އަގު ކަމަށް ކަނޑައަޅާފައި ވަނީ ޑޮލަރެއް 12.75ރ. އަށެވެ. އަދި ވިއްކާ އަގު ކަމަށް ކަނޑައަޅާފައިވާ އަގަކީ ޑޮލަރެއް 12.85ރ. އެވެ. ނަމަވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގުވަނީ 14ރ އަށް ވުރެ މައްޗަށް އުފުލިފަ އެވެ.