15 Oct 2015, 15:22
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)ގެ ހަރުގޭގައި ބާއްވާ ޖަލްސާތައް ލައިވްކޮށް ދުރަށް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ވަކި ޗެނަލަކަށް ދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ދެކޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް އިން މިއަދު ބުނެފައިވަނީ، ނޫސްވެރިންނަށް ގާނޫނު އަސާސީއާއި ގާނޫނުތަކުން ލިބިދީފައިވާ ހައްގު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ މާހައުލެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ހަމަހަމަ ކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފުރުސަތު ލިބޭ ފަދަ ގޮތަކަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
"... އަދި ސިޔާސީ ޕާޓީގެ ޤާނޫނުގެ 6ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޕާޓީގެ އެންމެހައި ކަންކަން ފާޅުކަންބޮޑުކޮށް ދެފުށްފެންނަ ގޮތަށް ބެހެއްޓުން" އަދި މި މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ "ޕާޓީގެ ކަންކަން މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށް ރައްޔިޔުންނަށް ހާމަކުރަމުން ގެންދިއުން" ކަމުގައި ބުނެފައިވީ ހިނދު، މި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ކަމެއްކަމަށް ކޮމިޝަނަށް ފެނުނު ހިނދު؛ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ނޫސްވެރީންނަށް ލިބިދީފައި އޮތް ހައްޤު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނޭ ފަދަ މާހައުލެއް ދެމެހެއްޓުމުގެ ގޮތުން ހަމަހަމަކަމާއެކު ބްރޯޑްކާސްޓަރުންނަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި މީޑިއާއަށް ފުރުސަތުލިބޭނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައި ވެއެވެ.
ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ ހަރުގޭގައި ބާއްވާ ޖަލްސާތައް ލައިވް ކުރުމުގެ އެކްސްކްލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދީފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށެވެ.