15 Oct 2015, 15:15
ރެޑްބުލް އިން އިންތިޒާމްކޮށްގެން ފާއިތުވި ދެ އަހަރުވެސް ރާއްޖޭގައި ބޭއްވި ރެޑްބުލް ވިނިން ފައިވް މި އަހަރު ވެސް ބާއްވަން ނިންމައިފިއެވެ.
ވޭތުވެ ދިޔަ ދެ އަހަރަށް ވުރެން ފުޅާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ކޮލިފިކޭޝަން ބުރުތައް މި އަހަރު މާލޭގެ އިތުރުން ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކުރިޔައް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށް ރެޑްބުލްއިން ބުނުއެވެ.
ރެޑްބުލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މުބާރާތުގެ ކޮލިފިކޭޝަން މިމަހު 23 ގައި އޭދަފުށީގައި ފަށާނެ ކަމަށާއި ކޮލިފިކޭޝަން ބާއްވާ ނުވަ ސަރަހައްދަކީ ބ. އޭދަފުށި، ހދ.ކުޅުދުއްފުށި، ޅ.ހިންނަވަރު، ކ.ކާށިދޫ، ގ.ދ. ތިނަދޫ. ގ.އ. ވިލިގިލި، ސ.ފޭދޫ، އަދި ޏ.ފުވައްމުލައް ކަމަށެވެ.
ފުޓްސަލް ސްޓައިލަށް ތަފާތު ގަވައިދުތަކަކާ އެކު ކުޅޭ އެ މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 11-12 އަށް މާލޭގައެވެ.

ރެޑްބުލް އިން މިދިޔަ އަހަރު ބޭއްވި ރެޑްބުލް ވިނިން ފައިވް ގެ ޗެމްޕއިން ޓީމް ޓްރޮފީ ހިފައިގެން --- ފޮޓޯ: ރެޑްބުލް
ރެޑްބުލް އިން 2013 ވަނަ އަހަރު ރާއްޖެއަށް ތައާރަފްކުރި ރެޑްބުލް ވިނިން 5 މުބާރާތަކީ ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގައި 181 ޓީމު ވާދަކުރި އެވެ. ޖުމްލަ 905 ކުޅުންތެރިންގެ ކުޅުނު މި މުބާރާތުގައި ފެނިގެންދިޔައިރު، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ.
ފައިވް އޮން ފައިވް މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ ރެޑް ބުލް ވިނިން ފައިވްގެ ގަވައިދުތައް ތަފާތެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ވަގުތުން ބާލަން ޖެހުމެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިއަހަރުގެ މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ބްރެޒިލްގެ ސަންތޯސްއަށް ޒިޔާރާތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރެޑްބުލް އިން މައުލޫމާތު ދެއެވެ. ސަންތޯސް އަކީ ބްރެޒިލްގެ ގައުމީ ޓީމާއި ބާސެލޯނާގެ ތަރި ނޭމާ ނިސްބަތްވާ ސިޓީއެވެ. ސަންތޯސްގެ ފުޓްބޯޅަ ޓީމު ކަމަށްވާ ސަންތޯސް އެފްސީ އަކީ ނޭމާގެ އިތުރުން ރޮބީނިއޯ އާއި ޕެލޭ ވެސް އެންމެ ފުރަތަމަ ކުޅުނު ކްލަބެވެ.