ހދ. ހަނިމާދޫގެ ނަރުދަމާގެ މަސައްކަތާއި މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ރަށު ރައްޔިތުންތަކެއް ކައުންސިން އިދާރާ ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެންދުނު 07:50 ގައި ބަޔަކު އެއްވާން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ވަނީ އެއްވުން ރޫޅާލުމަށް ފަހު ކައުންސިލް އިދާރާ ހުޅުވާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަޅުގަނޑު އޮފީހަށް ދާން ދިޔަ މަގުމަތީ ފެނޭ މީހުންތައް އެއްވާން ފަށާތަން. އޭރު ގާތް ގަނޑަކަށް ގަޑިން ވާނީ 07:50 ހާއިރު. ރަށުގެ ހުރިހާ އަވަށުން ވެސް މީހުން އެއްވަމުން ދަނީ އޭރު،" ނަން ހާމަ ކުރަން ބޭނުން ނޫން ފަރާތެއް ސަން އަށް ކިޔައިދިނެވެ.

އޭނާ ބުނީ ކައުންސިލް އިދާރާ ބަންދު ކުރުމަށް އެތަނަށް އެއްވެފައި ވަނީ ގިނައިން ދުވަސްވީ މީހުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރަށު ރައްޔިތުން އިހުތިޖާޖު ކުރަނީ ނަރުދަމާ މަސައްކަތް ހުއްޓިފައި ވުމުންނާއި މަގުތަކުގައި ލައިޓް ހަރުކުރުމަށާއި ހަނިމާދޫގެ މަގުތައް ހެދުމަށް ޑިމާންޑު ކުރަމުންނެވެ. އަދި ރަށުގެ އަންހެނުން ކުނި ކެހުމުން ލިބެން ޖެހޭ ލާރި ނުލިބޭ ކަމަށް ވެސް ވަނީ މައްސަލަ ޖައްސައިފަ އެވެ.

ހއ. ދިއްދޫގައި ތިބޭ ފުލުހުން ވަނީ ހަނިމާދޫ އަށް ގޮސްފަ އެވެ. އަދި ރައްޔިތުން އެއްވެފައިވާ ސަރަހައްދަށް ގޮސް ކައުންސިލް އިދާރާ ހުޅުވާދީފައި ވަނީ ފުލުހުން ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

ހަނިމާދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް 60 ޕަސެންޓަށް ވުރެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފަ އެވެ. ރަށުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް އެކްސްޕާޓްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ނަރުދަމާގެ މަސައްކަތް މެނދުކެނޑެން ދިމާވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ނަރުދަމާގެ މަސައްކަތް ހަނިމާދޫގައި ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.