މެޗް ފިކްސިން މައްސަލައެއްގައި ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސަގަރު ތާޕާއާއި ވައިސްކެޕްޓަން ސަންޑިޕް ރާއީގެ އިތުރުން، އިތުރު ދެ ކުޅުންތެރިޔެއް އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

މެޗް ފިކްސިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އަނެއް ދެ ކުޅުންތެރިންނަކީ ގޯލް ކީޕަރު ރަޓޭޝް ތާޕާއާއި ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ބިކާޝް ސިންހް ޗެތުރީއެވެ.

މީގެ އިތުރުން މިހަތަރު ކުޅުންތެރިންނާއެކު ތްރީސްޓާގެ ކުރީގެ ކޯޗް އަންޖަން ކޭސީ.ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ނޭޕާލް ފުލުހުންގެ މެޓްރޯ ކްރައިމް ޑިވިޝަންގެ ސާބެންދަރަ ކަނާލްއާ ހަވާލާދީ ގޯލް ނޭޕާލްގައި ބުނެފައިވަނީ އެ ކުޅުންތެރިންނާއި ތްރީ ސްޓާގެ ކުރީގެ ކޯޗް އަންޖަން ހައްޔަރުކޮށްފައިވަނީ ޑޮމެސްޓިކް މުބާރާތްތަކާއި އިންޓަނޭޝަނަލް މުބާރާތްތަކުގައިވެސް މެޗްފިކްސިން (ފައިސާއަށް މެޗް ދޫކޮށްލުން) އަމަލް ހިންގާފައިވާތީ ކަމަށެވެ.

ސަބެންދަރައާ ހަވާލާދީ ކާންޓިޕޫރު ނޫހުގައި ބުނެފައިވަނީ އެކުޅުންތެރިން ހައްޔަރު ކޮށްފައިވަނީ އެކުޅުންތެރިންގެ ކަންކަން ދެ މަސްވަންދެން ގާތުން ބަލަމުން ދިޔުމަށްފަހުގައި ކަމަށާއި މިމައްސަލައާ ގުޅިގެން އެހެން ގައުމުތަކާއެކުވެސް ނޭޕާލްގެ ފުލުހުން ކޯޑިނޭޓް ކުރަމުންދާ ކަމަށެވެ.

ނޭޕާލްގައި މެޗް ފިކްސިން މައްސަލައަކީ ޖިނާއީ ކުށެކެވެ. ސަބެންދަރަ ވިދާޅުވީ ފުލުހުން ބެލި ބެލުމަށްފަހު ވަގުތުން ހައްޔަރު ކުރެވުނީ އެހެންވެ ކަމަށެވެ.

މިކަމާ ގުޅިގެން ނޭޕާލް ފުޓްބޯލް އެސޯސިއޭޝަންގެ ސީއީއޯ އިންދަރަމަން ތުލްޑާ ވިދާޅުވީ، މިޚަބަރު ލިބުމުން ހައިރާންވި ކަމަށާއި ނޭޕާލްގެ އެފްއޭއިންވެސް އެމައްސަލަ ބަލަމުންދާކަމަށެވެ.

މިމައްސަލައާ ގުޅިގެން މިކުޅުންތެރިންގެ މައްޗަށް ކޯޓްގައި މިކަން ސާބިތުވާނަމަ އެކުޅުންތެރިން އުމުރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރާނެއެވެ.