29 Mar 2011, 14:21
ފުލުހުންގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތެރޭގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި އެވެ.
ފުލުހުންގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ފަށައިފައިވަނީ މިއަދު ހެނދުނު 6:00 ޖެހިއިރު ޕޮލިސް ހެޑްކްއާޓާޒް އާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުތަކުންނެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ކުރިމަތީގައި އޮތް ދިދަނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ހަސަން އަފީފެވެ. އެ ރަސްމިއްޔާތުގެ ފުލުހުންގެ ޚާއްސަ ލަވައެއް ތައާރަފްކޮށްފައި ވެއެވެ. އެ ލަވަ ކިޔައިދީފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ޝިފާ ތައުފީގާއި މަރިޔަމް އުނޫޝާ އާއި މާއިން ރަޝީދާއި މެޒޯ މުހައްމަދުގެ އިތުރުން ހުސައިން އަލީ އެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހުއާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ހަތަރު ރަށެއްގައި އައު ފުލުސް އޮފީސްތަކެއް ވަނީ ހުޅުވައިފަ އެވެ. އެއީ ޅ. ނައިފަރާއި ލ.ގަމާއި ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކެވެ.
މީގެ އިތުރުން ފުލުހުންގެ ވެބްސައިޓުގައި ރީލޯންޗުކޮށް، ފުލުހުންނަށް ޚާއްސަ އީ ލައިބްރަރީގެ ހިދުމަތް ވެސް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ދިރިއުޅޭ އިސްކަންދަރު ކޮށީގައި ހެޔޮއަގުގައި ތަކެތި ލިބޭނެ ފިހާރައެއް "ޕޮލިސް ޝޮޕް" ގެ ނަމުގައި ވަނީ ހުޅުވައިފަ އެވެ. އެ ފިހާރަ ހުޅުވައިދެއްވީ ކޮމިޝަނާ ފަސީހެވެ.
ފުލުހުން ވަނީ ކެއާ ސޮސައިޓީއަށް ވެސް ޒިޔާރަތްކޮށް، އެތަނުގެ ކުދިންނާ ބައްދަލުކޮށް ހަދިޔާތަކެއް ދީފަ އެވެ. އަދި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ވެސް ފުލުހުންގެ ފަރާތުން ވަނީ މިއަދު އެހީތަކެއް ދީފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތް ފުރަތަމަ ތައާރަފްކޮށްފައި ވަނީ 29 މާޗް 1933 ގަ އެވެ.