15 Oct 2015, 14:38
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ވަގުތުވެސް އެއީ މެކޭނިކަލް މައްސަލައަކުން ގޮވި ގޮވުމެއް ނޫންކަން ޔަގީން ކުރެވުނު ކަމަށް އެވަގުތު އެލޯންޗްކޮޅުގައި އިންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އެހާދިސާ ހިނގިއިރު ރައީސްގެ އެންމެ އަރިހުގައި އިންނެވި މިނިސްޓަރު ޝައިނީ އެހާދިސާ ކިޔައިދެއްވަމުން މިއަދު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދީފައިވާ ހަމަލާއެއް ކަމަށާއި އެއީ އާދަޔާ ހިލާފު ބޮޑު ގޮވުމެއްކަވުމުން އެއީ މެކޭނިކަލް މައްސަލައެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއްގޮވި ހާދިސާ މިނިސްޓަރު ޝައިނީ ކިޔައިދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން
"އެންމެ ފުރަތަމައިން ފެށިގެން ގަބޫލްކުރިން އެއީ މެކޭނިކަލް ފެއިލިއާއެއް ނޫން ކަމަށް. އެއީ އަޅުގަނޑު އުޅުނު ދާއިރާގެ ތެރެއިން ވަރަށް ގިނަ އެކަހަލަ ކަންތަކާއި ދިމާވެފައި ހުރީ. މިދެއްނެވީ އިންޖީނު އެއްޗެހީގެ އެދާއިރާގައި މަސައްކަތްކޮށްފައިހުރި މީހަކަށްވެސް ވާތީވެ،"މިނިސްޓަރު ޝައިނީ
ލޯންޗުކޮޅުގައި އެއްޗެއް ގޮވިވަގުތު ލޯންޗްކޮޅުގައި ތިބި ހުރިހާ ބޭފުޅުންވެސް ތިއްބެވީ އިށީނދެވަޑައިގެންނެވެ. ޝައިނީ ވިދާޅުވީ "އާންމުކޮށް ރައީސް އިންނަވާ ގޮނޑިކޮޅުގެ އަޑިން އެގޮވީ، އެދުވަހު ކަން ދިމާކުރި ގޮތުން [އެގޮނޑިކޮޅުގައި] އިންނެވީ މެޑަމް،" ކަމަށާއި އެއެއްޗެއް ގޮވުމާއެކު މެޑަމް އޮތީ ދޮރާ ދިމާލަށް ވެއްޓިފައި ކަމަށެވެ. ފުރަތަމަ މެޑަމް ފާތުންގެ ހަރަކާތެއްވެސް ނެތް ކަމަށާއި ހަރަކާތެއް އައީ ހަށިގަނޑު ތަޅުވަން ފެށީމަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގޮވުމާއެކު ދޮރުނައްޓައިގެން ދިޔަކަން އެއީ ނަސީބެއް ކަމަށާއި އޭގެ ސަބަބުން އެތެރެއިން ބޭރަށް ވައިބޭރުވި ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ. އެހެން ނޫންނަމަ ލިބުނު ގެއްލުން ބޮޑުވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ. އެގޮވުން ގޮވީ ސީޓުގެ ދަށުން ބުރަކައްޓާއި ހިސާބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މެޑަމް ވިދާޅުވި އެކައްޗަކީ ތިމަންނައަށް ހީވީ ފުރަގަހުގައި ބަޑިއެއް ޖައްސައިގެން ގޮއްވާލި ހެންނޭ. ތުރުކުރައްވައިގެން ހުރި ހެދުމުގެ އެހިސާބުގައި ހަލާކުވެ ހުރީ ފަޅައިގެންގޮސްފަައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ސިފަ ކުރައްވާގޮތުގައި އެހަމަލާއަކީ ދުރާލައި ރޭވިގެން ވަރަށް އެނގޭ ބަޔަކު ކޮށްފައިވާ ކަމެކެވެ.
"ވަރަށް އެނގޭ ބަޔަކު ކޮށްފައިއިން ކަމެއްކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ އެވަގުތު އެތާ މެޑަމް އިނީ މެޑަމް ވިއްސައިގެންގޮސް އޮތީ ދޮރާއި ހަމައަށް. ރައީސް އެތާ އިންނެވި ނަމަ ރައީސްގެ ބަރުދަނަށް އެއަންނަ ފޯސް އިތުރުވާ ކަމަށްވާނަމަ ރައީސް ދިޔަ ނަމަ ދޮރުގައި ޖެހޭނެ ކަމުގެ އެއްވެސް ޝައްކެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.
ބޮން ގޮވުމާއެކު ސިފައިންގެ ސެކިއުރިޓީ ވަރަށް އަވަހަށް މަސައްކަތް ކުރެއްވި ނަމަވެސް ދައުލަތުގެ އެންމެ އިސްވެރިޔާ ދަތުރުކުރެއްވި އިރު އެދުވަހު އޮތީ އެންމެ އެކަށީގެންވާ ސެކިއުރިޓިއެއް ނޫންކަމަށް މިނިސްޓަރު ޝައިނީ ވަނީ ފާގަހަކުރައްވާފައެވެ.
"މިސާލަކަށް ކަމެއް ވެދާނެ ކަމަށް އެމްބިއުލާންސްވެސް އެހެންބައިވަރު ސެކިއުރިޓީ ފީޗާސް ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަން،" މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.
ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު އިއްޒުއްދީން ފާލަމާ ކައިރިކުރި ވަގުތުއެވެ. އެމައްސަލައިގެ ތުހުމަތުގައި މިހާތަނަށް ވަނީ ސިފައިންގެ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެމައްސަލަ ތަހުގީގް ކުރަމުން އަންނަނީ ރިޔާސީ ކޮމިޝަނަކުންނެވެ.