15 Oct 2015, 14:07
ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ރުހުން ދެއްވި ހަތަރު ބޭފުޅުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މަގާމުގެ ލިޔުން ދެއްވައިފި އެވެ.
އެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަކީ ގަލޮޅު އަތަ ޔޫސުފް މާނިޢު މުޙައްމަދާއި، އައްޑޫ ސިޓީ މީދޫ ހަސަންކާރީގެ މުޙައްމަދު ފަރުޙާދާއި، މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ގުލިސްތާނުގެ ޙައްސާނު ޙަމީދާއި، ތިލަދުންމަތި ދެކުނުބުރި ނެއްލައިދޫ ދިލްސާދު އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އެވެ.
އެންއައިސީއަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވި ބޭފުޅަކަށް ރައީސް ޔާމީން ލިޔުން ދެއްވަނީ: ފޮޓޯ/ ތަރުޖަމާނު އިބުރާމް މުއާޒު އަލީ
އެންއައިސީގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އެންއައިސީއަށް އައްޔަންކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ފަސް ނަންފުޅެއް ހިމެނެ އެވެ. އެއީ އެ ހަތަރު ބޭފުޅުންގެ އިތުރުން މ. ހަވާއީ މަރްޔަމް ޒީނިޔާ އެވެ. ޒީނިޔާގެ ނަން އަނބުރާ ގެންދެވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ނަންފުޅު ގެންދެވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވަ އެވެ.
ނޭޝަނަލް އިންޓަގްރިޓީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.