ހުޅުމާލޭގައި ރޭ ހިނގި މަރާމާރީއެއްގައި ޒަހަމްވި ދެ ޒުވާނުންގެ ތެރެއިން ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާގެ ހާލަތާ މެދު އެއްޗެއް ބުނަން އެނގޭނީ 24 ގަޑިއިރުފަހުން ކަމަށް އައިޖީއެމްއެޗު ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ، ޏ. ފުވައްމުލަކަށް އުފަން ޔާމީން ރަޝީދު 21،ގެ ހާލަތު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާގެ ބަނޑަށް ލިބިފައިވާ ޒަހަމުތަކުގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.

"ސީދާ އޭނާގެ ހާލަތާ މެދު އެއްޗެއް ބުނަން އެނގޭނީ 24 ގަޑިއިރު ފަހުން. ދެން އޭނާގެ ބަނޑަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ބަނޑަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމުގެ ގޮތުން ވަނީ ސާޖަރީއެއް ވެސް ކޮށްފައި،" ޒީނަތު ވިދާޅުވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޝާކިރު "ސަން" އަށް ރޭ ވިދާޅުވީ، މާރާމާރީއެއްގައި ޒަހަމްވި ދެ މީހުން ހޮސްޕިޓަލަށް ގެނައިއިރު އޮތީ ލެއިން "ތަތްތެޅިފައި" ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މާރާމާރީ ހިންގާފައި ވަނީ ރޭ 6:40 އެހާކަންހާއިރު ހުޅުމާލެ 29 ނަމްބަރު ފުލެޓް ކައިރީގައި ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.