29 Mar 2011, 14:15
ފުވައްމުލަކު އޮފިޝަލުންތަކެއްގެ ބަރަހާނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކޮށް، އެތަކެތި ލީކްކުރި ބަޔަކަށް ހަރުކަށި އަދަބު ދިނުމަށް ފުވައްމުލަކު ރަށު ކައުންސިލުން ގޮވައިލައިފި އެވެ.
ފުވައްމުލަކު ރަށު ކައުންސިލްގެ އިދާރާ އިން އިއްޔެ ނެރެފައިވާ ޤަރާރެއްގައި ބުނެފައި ވަނީ މި މަހު 21 އިން 24ގެ ނިޔަލަށް ގދ. ތިނަދޫގައި ބޭއްވި މަކިޓާ ފަސް ވަނަ ޖޫނިއާ ޗެމްޕިއަންޝިޕަށް ދިޔަ ފުވައްމުލަކު ސްކޫލްތަކުގެ އެތުލެޓިކްސް ޓީމުތަކުގެ އަންހެން އޮފިޝަލުންތަކެއްގެ ބަރަހާނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކޮށް ލީކުކުރި މީހުންނަށް އެންމެ ހަރުކަށި އިބާރާތުން އަދި ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.
"މި ނާތަހުޒީބު ފިނޑި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ދިވެހި ދައުލަތުގެ ބާރުތަކަށް ފުވައްމުލަކު ރަށު ކައުންސިލްތަކުން ގޮވާލަން." އެ ގަރާރުގައިވެ އެވެ.
އެ ވީޑިއޯތަކުން ފެންނަނީ، ތިނަދޫ ކައުންސިލަރު އަލީ އިކްރާމް ވިދާޅުވި ގޮތުގައި، ދެ އަންހެން އޮފިޝަލަކު ތިނަދޫގައި ތިބި ގޭގެ ފާހާނާގައި ފެންވަރަން ތިއްބައި ފާހާނާގެ ފެންލައިޓް ބޭރުން ޖަހާފައިވާ ދާގަނޑުން ތަންގަނޑެއް ކަފައިލައިގެން އެތަނުން ސްޕައި ކެމެރާ ވައްދައިގެން ނަގައިފައިވާ ވީޑިއޯތަކެކެވެ.
ތިނަދު އަށް އެ ވީޑިއޯތައް ލީކުރަމުން ދާ ދިއުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށާއި އެފަދަ އަމަލުތަކަކީ އަތޮޅުތަކުގެ ނުވަތަ ރަށްރަށުގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތަކަށް ބުރޫއަރައި، އެއް އަތޮޅުން އަނެއް އަތޮޅަށް ދިއުމަށާއި އިންތިޒާމުކުރާ މުބާރާތްތަކުގައި ބައިވެރިވުމަށް ބުރޫ އަރާފާނެ ފަދަ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކަންކަމަކީ ބޮޑެތިވަމުން އަންނަ ކުދިންނާއި މީހުންނަށް ވެސް ނަފްސާނީ ބިރުވެރި ކަމެއް އުފެދޭނެ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެ ކަންކަން ހުއްޓުވުމަށާއި އެފަދަ ކަންކަމާ ބެހޭ ގޮތުން ހަދަން ޖެހޭ ޤާނޫނުތައް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުވައްމުލަކު 8 ރަށު ކައުންސިލްގައި ހިމެނިވަޑައިގެންނަވާ 24 މެންބަރުންގެ ތެރެއިން 23 މެންބަރަކު ސޮއިކުރައްވާފައިވާ އެ ގަރާރުގައި ގޮވާލައިފައިވެ އެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ފުވައްމުލަކު މީހެއް ކަމަށާއި އަދި ދެ ވަނަ މީހާއަކީ ތިނަދޫ މީހެއް ކަމަށް ފުލުހުން ބުންޏެވެ.