ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލަށް ރައީސް ނަޝީދު ގެންދިޔައީ ދާދިފަހުން އެމަނިކުފާނު ހެއްދެވި ޓެސްޓުތަކުގެ ނަތީޖާ ޑޮކްޓަރަށް ދެއްކެވުމަށް ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އެނބުރި ޖަލަށް ގެންދާނީ މިއަދު ސިވިލް ކޯޓުގައި އޮތް އެމަނިކުފާނުގެ ޝަރީއަތް ނިމުމުން ކަމަށެވެ. އެހެންކަމުން އަދި ރައީސް ނަޝީދު ހުންނެވީ މާލޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތީން ޑޮކްޓަރަށް ދައްކަވާފައެވެ. އަދި އެމަނިކުފާނު އެމްއާރުއައި ސްކޭނެއް ހައްދަވާފައި ވަނީ ޑޮކްޓަރު ލަފާ ދެއްވައިގެން ނެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގައެވެ.