15 Oct 2015, 14:47
ސިވިލް ސާވިސްގެ ވަޒީފާތަކަށް ވަންނަ ފަރާތްތަކުގެ ގާބިލުކަމާއި ހުނަރު ހުރި މިންވަރު ދެނެގަތުމަށް އިމްތިހާނެއް ދޭން ނިންމައިފި އެވެ.
ސިވިލް ސާވެންޓުން ވަޒީފާއަށް ވަނުމުގެ ކުރިން އިމްތިހާނެއް ދިނުމަށް ނިންމެވުމަށް ސިވިލް ސާވިސް ކޮމިޝަން އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއަދު ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލްއެވެ. އަދި ޑީޕީއީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޖެނެރަލް މެނޭޖަރު އަހުމަދު ޝަކީބެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ޗެއާމަން ޑރ. އަލީ ޝަމީމް ވިދާޅުވީ، ސިވިލް ސާވިސްގެ ވަޒީފާތަކުގައި އުޅޭ ބައެއް މުވައްޒަފުންގެ ކިބައިގައި ވަޒީފާ އާ ގުޅޭ ހުނަރު ނެތުމުން ގިނަ ފަަހަރަށް މީހުން މައްސަލަ ޖައްސާ ކަމަށެވެ.
"ބައެއް މުވައްޒަފުންގެ ކިބައިގައި ހުނަރު ނެތިގެން ބައެއް ފަރާތްތަކުން މައްސަލަ ޖެއްސުން ފަދަ ކަންތައް ދިމާވުމުން މިފަދަ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވަނީ. މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. މިފަދަ އިމްތިހާނެއް ތައްޔާރު ކުރުމާ ގުޅޭގޮތުން މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ދުވަސް ވެއްޖެ،" ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން އެފަދަ އިމްތިހާނެއް ދީފައި ނުވާ ކަމަށެވެ. އަދި ވަޒީފާ ލިބޭ ފަރާތްތައް ހޭލުންތެރި ކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްވެސް ބާއްވަނީ ވަޒީފާ ލިބޭ ފަހުން ކަމަށް ޝަމީމް ވިދާޅުވިއެވެ.
އިމްތިހާން ދެވޭނީ މައިގަނޑު ހަތަރު ބަޔަކުންނެވެ. އެއީ ދިވެހި ބަހުގެ މައިގަނޑު އެނގެން ޖެހޭ ކަންތަކާއި މުއާސަލާތު ކުރުމުގެ ހުނަރާއި އިދާރާ ހިންގުން އަދި އެޕްޓިޓިއުޑްގެ މައްޗަށެވެ.
އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ވަކި ހާއްސަ ތަމްރީނެއް ބޭނުން ނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މުގައްރިރެއް އެކުލަވައިލާނޭ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން އިމްތިހާނަށް ތައްޔާރު ވުމުގެ ގޮތުން މުގައްރިރާ ގުޅުން ހުރި ފޮތްތައް ތައްޔާރު ކުރާނެއެވެ.
އިމްތިހާންގައި ބައިވެރި ވުމަށް 150 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޓެސްޓު ހެދުމަށްފަހު ވަޒީފާ ލިބޭނީ 75 ޕަސެންޓަށްވުރެ މަތީ ފާހެއް އޮވެގެންނެވެ. އެ ޓެސްޓުގެ ނަތީޖާތައް ބަލާނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުން އެކުލަވައިލާ، ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާ ހުރި ބައެކެވެ.