15 Oct 2015, 12:21
'ދީނީ މިނިވަން ކަމުގެ ހައްގަށް' އިހުތިރާމް ކުރުމަށް ދިވެހި ސަރުކާރަށް މިދިޔަ އަހަރު ހިތްވަރު ދީފައިވާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާ އިން އިއްޔެ އާއްމު ކުރި 'އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް 2014' ގައި ރާއްޖެ އަށް ހާއްސަކޮށްފައިވާ ބައިގައި ބުނެފައި ވަނީ އެހެން ހައްދުފަހަނަ އެޅުން ހުއްޓުވުމަށާއި އެހެން ދީންތަކާ މެދު ރުޅިވެރި ވާހަކަތައް ދެއްކުން މަދު ކުރުމަށް ދިވެހި ސަރުކާރާ އެކު އެމެރިކާ އިން މިދިޔަ އަހަރު މަސައްކަތް ކުރި ކަމަށެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދީނީ މިނިވަން ކަމަށް ބާރު އެޅުމަށް އެމެރިކާގެ ފަރާތުން ރާއްޖޭގެ ސިވިލް ސޮސައިޓީއާއި ސަރުކާރާ ވާހަކަ ދައްކާފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީގެ މުވައްޒަފުންނެވެ.
"...ދީނީ މިނިވަންކަމުގެ ހައްގަށް އިހުތިރާމް ކުރުމަށް އެމްބަސީން ސަރުކާރަށް ހިތްވަރު ދިނެވެ. ކެތްތެރިކަން ކުރިއެރުވުމަށާއި ހަރުކަށި، ހައްދުފަހަނަ އަޅާފައިވާ ވިސްނުން ކުޑަކުރުމަށް ނުވަތަ އެހެން ދީންތަކާއި މެދު ރުޅިވެރިކަމުގެ ވާހަކަ ދެއްކުން މަދު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ވެސް އެމްބަސީން ބައިވެރިވި އެވެ. ހާއްސަކޮށް، ހަރުކަށި އިސްލާމީ ގޮތްތައް ކަމަށް ސަރުކާރުން ސިފަކުރާ ގޮތްތައް ހުއްޓުވުމަށް ކުރި މަސައްކަތްތަކުގަ އެވެ،" ރިޕޯޓްގައިވެ އެވެ.
އިސްރާއީލާ ދެކޮޅު މެސެޖްތަކާއި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް އާ އެއްކޮޅު މެސެޖްތަކާ އެކު ރާއްޖޭގައި މުޒާހަރާ ކުރުމުން،' އިންޓޮލެރެންސް އާ ހަނގުރާމަ ކުރުމަށް ސްޓްރެޓެޖީ ރޭވުމުގައި' ސަރުކާރާ އެކު އެމެރިކާ އެމްބަސީން މަސައްކަތް ކުރި ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމެރިކާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދީނީ މިނިވަން ކަމަށް ބާރު އެޅުމުގެ މަސައްކަތް އެގައުމުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް ވަނީ ކޮށްފަ އެވެ.
ރިޕޯޓް އާއްމު ކުރުމަށް ފަހު ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެފައި ވަނީ ރިޕޯޓްގެ ބޭނުމަކީ ދީނީ މިނިވަންކަމުގެ މުހިއްމުކަން ފާހަގަކުރުން ކަމަށެވެ.