މެޗު އޮފީޝަލުންގެ މައްޗަށް ތުހުމަތުކޮށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އެއް މެޗަށް ސަސްޕެންޑްކޮށް 50،000 ހާސް ޕައުންޑުން (1،191،382.50 ރުފިޔާ) އިން ޖުރީމަނާ ކުރުމަށް އިނިގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ސައުތުހެމްޓަން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މޮރީނިއޯ ބުނީ ޗެލްސީއަށް ދޭން ޖެހޭ ޕެނަލްޓީ ދިނުމަށް މެޗްގެ އޮފިޝަލުން "ބިރު ގަނެ" ޖެހިލުންވެފައިވާ ކަމަށެވެ.

އެފްއޭ އިން ބުނެފައި ވަނީ މޮރީނިއޯގެ އެ ބަސްތަކަކީ "އޮފިޝަލުން ވަކިކޮޅަކަށް ޖެހިފައިވާ ކަމަށް ކޮށްފައިވާ ތުހުމަތެއް" ކަމަށެވެ.

މޮރީނިއޯގެ މައްޗަށް އެޅި ފިޔަވަޅު ތަންފީޒު ވާނީ ކުރިއަށް އޮތް އެއް އަހަރު ތެރޭ އެކަން ތަކުރާރުކޮށްފި ނަމަ އެވެ.

ސައުތު ހެމްޓަން މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޮ ބުނީ އަބަދު ވެސް ސަޝްޕެންޑް ކުރާނީ ޗެލްސީ ކަމަށާއި އެއީ މީޑިއާ އިން އުފައްދާ ސުވާލުން ކަމަށެވެ.

"އެފްއޭ އިން އޭނާ އަށް އަދަބު ދޭން ބޭނުންވާ ނަމަ އެކަން ކުރެވިދާނެ ކަމަށާއީ ނަމަވެސް އެފްއޭ އިން އެހެން ކޯޗުންނެއް ސަސްޕެންޑް ނުކުރާނެ،" ކަމަށެވެ.

އިނގިރޭސި އެފްއޭ އިން މޮރީނިއޯ ސަސްޕެންޑްކޮށްފައި ވަނީ މިސީޒަންގައި މިހާތަނަށް ހަތުރު ބަލިވެފައިވާ އިރު ޗެލްސީ އިން އޭނާއާ އެކު ކުރިއަށް ދާނެކަން ނިންމިތާ މަދު ގަޑި އިރުތަކެއްގެ ތެރޭގަ އެވެ.