މިނިސްޓަރު އޮފް ފޮރިން އެފެއާޒް ކަމަށް އައްޔަނު ކުރައްވާފައިވާ އަހްމަދު ނަސީމާއި އެޓާނީޖެނެރަލް ކަމަށް އައްޔަން ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒުގެ ނަން ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ނަސީމާއި މުއިއްޒަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދި ރައީސް ނަޝީދު ފޮނުއްވި ސިޓީ އަމީން އާއްމު އަހްމަދު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވެވުމުން އެ ދެ ނަން ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުއްވީ ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އިއުލާން ކުރެއްވި އެވެ.

އެޓަނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި، އަބުދުﷲ މުއިއްޒު މި މަހު 22 ގައި އެޓާނީޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުގެ ސަބަބުންނެވެ. މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމަށް ފޮރިން މިނިސްޓަރުކަން ލިބިވަޑައިގެންފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި، ޑރ. އަހްމަދު ޝަހީދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން މަގާމުން އިސްތިއުފާދެއްވުމަށް ފަހު، ދުވަސްތަކެއް ވޭތުވުމަށް ފަހުގަ އެވެ.

އެ ދެބޭފުޅުންނަށް ރުހުން އޮތްތޯ ބެލުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަންނާނީ ކޮމިޓީން ދިރާސާކުރެއްވުމަށް ފަހު އެކުލަވާލާ ރިޕޯޓާ އެކުގަ އެވެ.