15 Oct 2015, 10:52
ހަނގުރާމައިގެ ސަބަބުން ވީރާނާ ވެފައިވާ ސީރިއާގެ ހަލަބްގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަހާސް ރައްޔިތުން އާންމު ދިރިއުޅުމަށް ބޭނުންވާ ފެން ހޯދުމަށްޓަކައި މޯބައިލް ފޯނުގެ ހިދުމަތެއް ބޭނުންކުރަން ފަށަައިފިއެވެ.
ތްރީޖީ މޮބައިލް ޓެކްނޯލޮޖީގެ އެހީގައި ރެޑް ކްރޮސްއިން ތައްޔާރުކޮށްފައިވާ "އިންޓަރެކްޓިވް އޮންލައިން މެޕް"ގެ އެހީގައި ބައިބައިވެފައިވާ ހަލަބުގެ ދެ މިލިއަނެއްހާ ރައްޔިތުންނަށް ފެން ލިބޭނޭ 80 ސަރަހައްދެއް މިހާރު ހޯދޭނެއެވެ. އެގޮތުން އެ މެޕްގެ އެހީގައި ޖީޕީއެސް ބޭނުންކޮށްގެން އެ މީހަކާ އެންމެ ކައިރީގައި ވާ ފެން ދޫކުރާ މަރުކަޒު ފަސޭހަކަމާއެކު ދެނެގަނެވޭނޭ ކަމަށް ރެޑް ކްރޮސްއިން މައުލޫމާތު ދެއެވެ.
"މިއީ ވަރަށް ފަސޭހަ މެޕެއް، އަދި ހުރިހާ ފޯނެއްގައި ވެސް ބޭނުންކުރެވޭނެ. މިހާރު މޮބައިލް ފޯން ގެންގުޅޭ އެންމެނަށް ވެސް ތްރީޖީގެ ޚިދުމަތް ލިބޭނެ،" އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ)ގެ ތަރުޖަމާން ޕަވެލް ކްރިޒީކް ދިމިޝްގުގައި ހުރެގެން ރޮއިޓަސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.
"މުހިއްމު ކަމަކީ އެއީ ހަމައެކަނި މެޕެއް ނޫން. ކިޔަން ނޭނގޭ މީހުންނަށް ވެސް އެމީހުންނާ އެންމެ ކައިރީގައި ހުންނަ ފެން ފޯރުކޮށްދޭ މަރުކަށް ދާނޭ މަގު ޖީޕީއެސްގެ އެހީގައި އެމީހަކަށް ބުނެދޭނެ،" ކްރިޒީކް ބުންޏެވެ.
ސީރިއާގެ އެންމެ ބައިބޯ ސިޓީ ކަމަށްވާ ހަލަބަކީ 2011 ވަނަ އަހަރު އެގައުމުގައި ދާޚިލީ ހަމަނުޖެހުންތައް ފެށިގެން އައިއިރު، ސީރިއާގެ ވިޔަފާރީގެ ވެސް މައި މަރުކަޒެވެ. އެހެން ނަމަވެސް، އެގައުމުގެ ސަލާމަތީ ބާރުތަކާއި އެގައުމުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގާފައިވާ ތަފާތު ކުރިމަތިލުންތަކުގައި ހަލަބުގެ ވިޔަފާރީގެ ބޮޑެތި އިމާރާތްތަކާއި ވިޔަފާރިތަށް ވަނީ ކުދިކުދިވެ ވީރާނާވެފައެވެ.
ކްރިޒީކް ބުނީ، ހަލަބްގައި ކޮންމެ މަހަކު ދެހަފްތާއެއްހާ ދުވަހަށް ފެނުގެ ޚިދުމަތް މެދުކެނޑޭއިރު، ފެން ފޯރުކޮށްދޭ މަރުކަޒުތައްވެސް ހުރީ ރަނގަޅު ހާލަތެއްގައި ނޫންކަމަށެވެ. ކަރަންޓުގެ އެހީގައި ގޭގެއަށް ފެން ފޯރުކޮށްދޭއިރު، ހަލަބުގެ މައި އިލެކްޓްރިކް ސަޕްލައިއަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ހަތަރު ދުވަސް ވަންދެން ފެނުގެ ހިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަނބުރާ އެހިދުމަތް ލިބިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ.
އައިސީއާރުސީ އިން މިދިޔަ ސެޕްޓްމެބަރު މަހު ބުނެފައިވާ ގޮތުގައި، ފެނަކީ ސީރިއާ ހަނގުރާމައިގެ ހަތިޔާރަކަށް ވެސް ވެފައިވާއިރު ފެނުގެ ހިދުމަތް އެއްވެސް ޝަރުތަކާ ނުލައި އާންމުންނަށް ލިބިދޭން ޖެހޭނެއެވެ. ސަބަބަކީ ފެނާ ނުލައި އިންސާނުންނަށް ދިރި ނޫޅެވޭނެތީ ކަމަށް އައިސީއާރުސީން ގޮވާލާފައި ވެއެވެ.
ކްރިޒީކް ބުނީ، އައިސީއާރުސީ އިން އިންޓަރެކްޓިވް އޮންލައިން މެޕެއް ތައްޔާރުކުރުމުގެ މަސައްކަތް އިންޖިނިއަރުން ފެށީ، މިދިޔަ ހޫނު މޫސުމުގައި އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި އޭގެ ތަންކޮޅެއް އާދައިގެ ވާޝަނެއް ހިމެނުމުން އާންމުންގެ ފަރާތުން އެކަމަށް އެދި ފޮނުވާފައިވާ ކޮމެންޓު ތަކާ ގުޅިގެން ކަމަށެވެ.
މެޕްގެ އޯލްޑް ވާޝަން މިހާރުވެސް ގާތްގަނޑަކަށް 140,000 މީހުން ބޭނުން ކުރަމުންދާ އިރު، މިދިޔަ ހޯމަ ދުވަހު އެ މެޕް ލޯންޗުކުރުމުން އާ ވާޝަން ވެސް މިހާރު 20,000އަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުންދާ ކަމަށް އައިސީއާރުސީ އިން މައުލޫމާތު ދެއެވެ.