ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާކުރަން ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 43 އަހަރު ފުރުމުގެ މުނާސަބާގައި ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީއަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ދުންޔާ ވިދާޅުވެފައި ވަނީ އެގައުމަކީ މިހާރު ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށެވެ.

"...ޗައިނާއަކީ މިހާރު ރާއްޖޭގެ ވިޔަފާރިއާއި ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާ އެވެ. ދެ ގައުމުގެ ބައިވެރިވުން އިތުރު ދަރަޖަ ތަކަކަށް ފުޅާ ކުރުމަށް ރައީސް ޢަބުދުﷲ ޔާމީނުގެ ސަރުކާރު އޮތީ ތައްޔާރަށެވެ،"

ޗައިނާގެ ފޮރިން މިނިސްޓަރަށް ދުންޔާ ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، ދެގައުމުގެ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ކުރިއަށް ދިޔައީ 'އެއްޗައިނާ' ސިޔާސަތަށް ރާއްޖޭން ތާއީދު ކުރުމާއި ދެގައުމުގެ ވެސް މަސްލަހަތު އޮންނަ ބައިނަލް އަގުވާމީ ކަންކަމުގައި އެއް ވިސްނުމެއްގައި މަސައްކަތް ކުރުމުން ކަމަށް ވެސް ދުންޔާގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ދުންޔާ އަދި ވިދާޅުވެފައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.