"ސުޕަމޮޑެލް" އިން ހޮވުމަށް ބާއްވަމުން އަންނަ ރިއަލިޓީ ޓީވީ ޝޯ "އެމެރިކާސް ނެކްސްޓް ޓޮޕް މޮޑެލް" މިއަހަރަށް ފަހު ނުދައްކާނެ ކަމަށް ޝޯ ދައްކާ ޗެނަލް ސީޑަބްލިއު އިން ބުނެފި އެވެ.

ސީޑަބްލިއު އާއި ޔޫޕީއެން އިން ދައްކަން ފެށި ރިއަލިޓީ ޝޯ މިހާރު ދައްކަމުން އަންނަ މިއީ 12 ވަނަ އަހަރެވެ. އެ މުއްދަތުގެ ތެރޭގައި އެ ޝޯގެ 21 ސީޒަން ނުވަތަ ސައިކަލް ވަނީ ދައްކައިފާ އެވެ.

މިހާރު ކުރިއަށްދާ 22 ވަނަ ސައިކަލްއަކީ އެމެރިކާގެ އެންމެ މޮޅު ސުޕަމޮޑެލް އުފައްދާނެ ފަހު ފަހަރު ކަމަށް އެ ޝޯގެ އެގްޒެކިއުޓިވް ޕްރޮޑިއުސަރު އަދި ހޯސް ޓައިރާ ބޭންކްސް ވަނީ ކަށަވަރު ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ޝޯގެ ފަހު ސައިކަލްގެ ފިނާލޭ ބާއްވާނީ މިއަހަރުގެ ޑިސެމްބަރުގައި ކަމަށެވެ.

އެމެރިކާސް ނެކްސްޓް ޓޮޕް މޮޑެލްގެ 21 ވަނަ ސައިކަލްގެ ފޮޓޯޝޫޓުތަކުން މަންޒަރެއް---

އެމެރިކާސް ޓޮޕް މޮޑެލް އަކީ އެ ޝޯ ދެއްކި ދެ ޗެނަލްއަށް ވެސް އަގުބޮޑު ޝޯއެކެވެ. އެގޮތުން 2003 ވަނަ އަހަރު އެންމެ ފުރަތަމަ ޝޯ ދައްކަން ފެށީ ޔޫޕީއެން އިންނެވެ. އެ ޝޯއަކީ އެ ޗެނަލްގެ އެންމެ މަގުބޫލު ޝޯއެވެ. އެއާއެކު 2006 ވަނަ އަހަރު ވަނީ އެޝޯ ސީޑަބްލިއު އަށް ބަދަލުކޮށްފަ އެވެ. އެ ޝޯއަކީ ޗެނަލްގެ ފުރަތަމަ ޝޯ އެވެ.

ޝޯ ދައްކަން ފެށި އިރު އެންމެ މަގުބޫލު އެއް ޝޯކަމަށްވާ ޓޮޕް މޮޑެލްގެ މަގުބޫލުކަން މިހާރު ވަނީ ފަނޑުވެފަ އެވެ. އެގޮތުން ޝޯގެ އެޕިސޯޑަކަށް މިހާރު އެމެެރިކާ އިން އެވްރެޖުކޮށް ލިބެނީ 1.25 މިލިއަން ވިއުސް އެވެ.

ޝޯއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސީޑަބްލިއުގެ ރައީސް މާކް ޕެޑޮވިޓްސް ވިދާޅުވީ ޓޮޕް މޮޑެލްއަކީ ޕޮޕް ކަލްޗަރަށް ބޮޑު އިންގިލާބެއް ގެނެސް މުޅި ދުނިޔޭގައި ބަގުބޫލުކަން ހޯދި ޝޯއެއް ކަމަށެވެ.