29 Mar 2011, 13:16
އެމްޑީޕީ އާއި ޑީއާރްޕީ އަށް މެޖޯރިޓީ ނުލިބި ހަމަހަމަކޮށް އޮތް ގއ. އަތޮޅު ކައުންސިލުގައި 10 ވަނަ ފަހަރަށް ވޯޓްލައިގެން އެމްޑީޕީ ރައީސްއަކާއި ޑީއާރުޕީގެ ނައިބު ރައީސަކު ހޮވައިފި އެވެ.
އެމްޑީޕީގެ ތިން މެންބަރުންނާއި ޑީއާރުޕީގެ ތިން މެންބަރުގެ މައްޗަށް އެކުލެވޭ ގއ. އަތޮޅު ކައުންސިލްގައި 10 ފަހަރަށް ވޯޓްލައިގެން ކައުންސިލްގެ ރައީސްއަކަށް އިންތިހާބުވީ ވިލިގިނލީ ދާއިރާގެ އަތޮޅު ކައުންސިލަށް ހޮވުނު އެމްޑީޕީގެ ކައުންސިލަރު ހަރޫން ރަޝީދެވެ. އަދި ނައިބު ރައީސްއަކަށް އިންތިހާބުވީ އެ ދާއިރާ އިން އަތޮޅު ކައުންސިލަށް ހޮވުނު ޑީއާރްޕީގެ ކައުންސިލަރު މަސްއޫދު އަހުމަދެވެ.
ނުވަ ފަހަރަށް ވޯޓް ލައިގެން ވެސް ވޯޓް އެއްވަރުވުމަށް ފަހު، 10 ވަނަ ފަހަރު ކައުންސިލްގައި ބޭއްވި ވޯޓްގައި އެމްޑީޕީގެ ފަރާތުން ރައީސް ކަމަށް ހުށަހެޅީ ހަރޫން ރަޝީދެވެ. އަދި ޑީއާރުޕީގެ ފަރާތުން ކައުންސިލްގެ ރައީސް ކަމަށް ހުށަހެޅީ ކައުންސިލްގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަމީރު އަލީ އެވެ. ވޯޓްގެ ނަތީޖާ އިން ދައްކާ ގޮތުން އެމްޑީޕީގެ ކައުންސިލަރު ހާރޫނަށް ހަތަރު ވޯޓް ލިބުނު އިރު، ޑީއާރުޕީގެ ކައުންސިލަރު އާމިރަށް ލިބުނީ ދެ ވޯޓެވެ. އެ ނަތީޖާ ނުކުތީ އެމްޑީޕީގެ ކައުންސިލަރު ރައީސް ކަމަށް ހޮވުމަށް ޑީއާރުޕީގެ ފަރަތުން މަސްއޫދު އަހުމަދު ވޯޓް ދެއްވުމުންނެވެ.
ގއ. އަތޮޅުގެ ގިނަ ކައުންސިލްތަކެއް ޑީއާރުޕީ އަށް ލިބިފައިވާ އިރު، ޑީއާރުޕީގެ ކައުންސިލަރުންގެ ނިންމުމާ ހިލާފަށް މަސްއޫދު ވޯޓް ދެއްވުމުގެ ސަބަބުން މުޅި އަތޮޅު ތަމްސީލް ކުރަނީ އެމްޑީޕީގެ ކައުންސިލަރެއް ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ކައުންސިލަރު އާމިރު އަލީ ވިދާޅުވީ މަސްއޫދު ވޯޓް ދެއްވާފައި ވަނީ އެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށެވެ. އަދި އޭނާ ވޯޓް ދެއްވި ގޮތްތާ މެދު ކައުންސިލްގައި ހިމެނޭ ޑީއާރުޕީ މެންބަރުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް ޑީއާރުޕީ އަށް ކައުންސިލް ގޮވާލާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކެމެއް އެއީ. ކުރިއަށް އޮތް ތާނގާއި ކައުންސިލްގައި އެމްޑީޕީ އަށް ވޯޓްދީ މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރެއް އެއީ. އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާ ކުރުމެއްނެތި އަމިއްލަ އަށް ނިންމާފައިވާ ޑީލެއް އެއީ. އެ މައްސަލަ ބަލައިދިނުމަށް ޑީއާރުޕީއަށް ގޮވާލަން،"
އެކަމާ ގުޅިގެން މަސްއޫދު ވިދާޅުވީ އޭނާގެ ނިންމެވުމަކީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށާއި ޑީއާރުޕީގެ ދެ ފެކްޝަނުން ވެސް އެކަމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށެވެ. މަސްއޫދު ވިދާޅުވީ ކައުންސިލްގައި ހިމެނޭ ޑީއާރުޕީގެ މެންބަރުންގެ އެ ވިސްނުމާ މެދު އެނާގެ ހިޔާލު ތަފާތު ކަމަށާއި ޑީއާރުޕީ އަށް އެންމެ ރަގަނޅު ގޮތަކީ ކައުންސިލްގައި ނައިބު ރައީސްކަން ޑީއާރުޕީ އަށް ލިބުން ކަމަށެވެ.
އެނާ ވިދާޅުވީ ދެ ޕާޓީ އަށް ހަމަމަކޮށް ކައުންސިލް އޮތް އިރު، ރައީސް ކަމުގައި ހުންނަވާނެ ބޭފުޅަކަށް ކައުންސިލްގައި ނިންމާ ނިންމުންތަކުގައި ވޯޓް ނުދެއްވޭނެ ކަމަށާއި އެފަދަ ދަނޑިވަޅުތަކުގައި ޑީއާރުޕީ އަށް ކުރި ލިބޭނެ ކަމަށެވެ.
"ވޯޓިން ޕްރޮސެސްގައި ރައީސް ކަމަށް އިންނަވާ ބޭފުޅަކަށް ވޯޓެއް ނުއެއް ދެއްވޭނެ. އެހެންވެ އެހާލަތުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމުވާނެ ވޯޓް. އޮޕޮޒިޝަން ޕާޓީ އަށް ދެ ޕަވާ އިންނަ ގޮތަށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން،" މަސްއޫދު ވިދާޅުވި އެވެ.