ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު މެޗްގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)ގެ މައްޗަށް ހަރިކޭން ބާސްކެޓް ކްލަބުން ކުރިހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒްގެ އެތެރޭ ކޯޓްގައި ކުޅުނު މި މެޗް ހަރިކޭން ކާމިޔާބް ކުރީ 51-86 ޕޮއިންޓުންނެވެ. އެ މެޗްގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ ހަރިކޭންގެ ބިދޭސީ ކުޅުންތެރިޔާ އެލެކްސެންޑާ ކަލާންޖް އެވެ. އޭނާ ވަނީ މެޗުގައި 18 ޕޮއިންޓް ހޯދައިދީފައެވެ.

ދިވެހި ސިފައިންގެ ކްލަބުން އެ މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދައިދިން މުހައްމަދު އުމައިރު ނަލީރު އެވެ.

އެ މުބާރާތުގެ ފުރަތަމު ބުރުގެ ކުޅުން މިރޭ ކުޅޭ ދެ މެޗަށް ފަހު ނިމޭނެއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗްގައި ހަތެއް ޖަހާއިރު ޓީރެކްސް ބީސީ ނިކުންނާނީ ޔޫއެން ފްރެންޑްސްއާ ދެކޮޅަށްށެވެ. އަދި ދެވަނަ މެޗްގައި 9:30 ގައި ރެޑްލައިން ކްލަބް ނުކުންނާނީ ކްލަބް ޕީކޭއާ ދެކޮޅަށްށެވެ.

މުބާރާތުގެ ދެވަނަބުރުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު އެ މެޗްތައް ވެސް ކުރިޔަށް ދާނީ ޒުވާނުންގެ މަރުކަޒްގެ އެތެރޭ ކޯޓްގައި ކޮންމެ ދުވަހަކު ދެ މެޗް ކުޅޭ ގޮތަށެވެ.

މި މަހު ފަހެއްގައި ފެށި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.