ނިއުރޭޑިއަންޓްގެ ކޯޗް ކަމުން އިސްތިއުފާ ދިން ސޮބާހް މުޙައްމަދު (ސޮބާ)ގެ އަޒުމަކަށް ބަދަލެއް ނާންނަ ކަމަށާއި ކޯޗިންގެ އެކި ލެވަލްގެ ކޯސްތައް ފުރިހަމަ ކުރުމަށްފަހު ދެން ފެންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށް އޭނާ ބުނެފިއެވެ.

ނިއުރޭޑިންޓްގެ ކޯޗް ކަމުން އިސްތިއުފާ ދިނުމަށްފަހު މިވަގުތު ހުސްކޮށް ހުރި ސޮބާ ބުނީ، ކޯޗިން ކެރިއަރާ ދުރަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށާއި ވަރަށް އަވަހަށް 'ބީ' ލައިސެންސް ކޯސް ފުރިހަމަ ކުރުމަށް ފުރާނެ ކަމަށެވެ.

ސޮބާ ބުނީ، ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅެ، ގައުމީ ޓީމާއި ކްލަބުތަކުގައިވެސް އެކި ސިޓްއޭޝަންތަކުގައި ތަފާތު މެޗްތަކެއް ކުޅުނު އިރު އޭނާއަށް ލިބިފައިވާ ތަޖުރިބާއަކީ ސެޓްފިކެޓަކުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ.

ނަމަވެސް ކޯޗިން ލައިސެންސް ކޯސްތަކުން ދަސްވާނީ އިތުރަށް އޮގަނައިޒް ކުރުމަށް ކަމަށެވެ.

ސޮބާ ބުނީ ކޯޗިން ކޯސްތައް ފުރިހަމަ ކުރުމަށް ތަފާތު ދެ ގައުމަކަށް ބަލަމުންދާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ފެންނާނީ މިއަށް ވުރެ ވަރުގަދަކޮށް. މިކަމުގައި އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތް ހަމަޖެހުމަކީ މިކަން އަޅުގަނޑަށް ކުރެވޭނެކަން ޕަބްލިކް ގަބޫލުކޮށްފައިވާކަން،" ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބަރާތް ހޯދިއިރު ގައުމީ ޓީމްގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާ ކުރި ސޮބާ ބުންޏެވެ.

އޭނާ ބުނީ، ރާއްޖޭގެ ސީނިއާ އެހެން ކޯޗުންގެ ފަރާތުންވެސް އޭނާގެ މަސައްކަތަށް ލިބިފައި ހުރީ ޕޮޒިޓިވް ކޮމެންޓް ކަމަށެވެ. ނެގެޓިވްކޮށް އެއްޗެއް ބުނި ކަމުގައިވިޔަސް، މީހަކު ކިޔާހާ އެއްޗަކަށް ނުބަލައި އޭނާގެ އާމާޒަށް ވާސިލް ވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ސޮބާ ބުނީ އޭނާ ނިއުއާ ހަވާލުވީ އުނދަގޫ ހާލަތެއްގެ ތެރެއިން ކަމަށާއި އޭނާއާ ހަވާލުވީވެސް މިއަހަރު މަސައްކަތް ކުރި ބިދޭސީ ދެކޯޗުން ޓީމާ ވަކިވުމަށްފަހު އޮތް ހާލަތުގެ ތެރެއިން ކަމަށާއި، ނަމަވެސް ނިއުއާ ހަވާލުވެ ނިއުއަށް ކޮށްދެވުނު މަސައްކަތާއި މެދު ހިތް ހަމަޖެހޭ ކަމަށެވެ.

"ނިއު އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކު ލީގްގެ ތާވަލްގެ އެއް ވަނައިގައި އޭއެފްސީ ކަޕް މެޗްގައި އަޅުގަނޑު ހުރެގެން ކުޅުނު މެޗްތަކުގެ ނަތީޖާއާ މެދު ހިތް ހަމަޖެހޭ. އެކަން ގިނަ ބަޔަކުވެސް ވަނީ ފާހަގަކޮށްފައި،" ކުޅުންތެރިޔެއްގެ ގޮތުގައިވެސް ނިއުއަށާއި ވިކްޓްރީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިފައިވާ ސޮބާ ބުންޏެވެ.

ސޮބާ ބުނީ، ނިއުގައި މަސައްކަތް ކުރިއިރު އޭނާއަށް ލިބުނު އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ކުޅުންތެރިންގެ އިހްތިރާމް އޭނައަށް ލިބުން ކަމަށެވެ.