15 Oct 2015, 09:41
ރާމަﷲ (އޮކްޓޯބަރ 15): އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެންއޮވެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ މީހުން މެރުމުގެ ޖަރީމާތައް ހުއްޓުވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވައިފި އެވެ.
ފަލަސްތީނުގެ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި އައްބާސް ވިދާޅުވީ އިސްރާއީލުގެ އިސްތިއްމާރާ އަޅުވެތިކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު ބައިނަލްއަގްވާމީ ގާނޫނުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށާއި މިކަމާ ގުޅިގެން ފަލަސްތީނު ރައްޔިތުން މަރައި އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ހައްގު އިސްރާއީލަށް ނޯންނާނެ ކަމުގަ އެވެ. މިގޮތުން ފާއިތުވި ދެހަފްތާ ތެރޭގައި އިސްރާއީލުން ބަޑިޖަހައިގެން ފަލަސްތީނުގެ 33 މީހުން ޝަހީދުކޮށްލައި އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައިވާ އިރު ވަގުތު ފާއިތުވުމުގެ ކުރިން އިސްރާއީލުގެ ޖަރީމާތައް އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުން ހުއްޓުވަން ޖެހޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ކުރިޔަށްދާ މިހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ދެ ހަފްތާ ތެރޭގައި ފަލަސްތީނުގެ 33 މީހުން ޝަހީދުކޮށްލައި 400 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފރަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާތަކުގައި އިސްރާއީލުގެ ހަތް މީހަކު ވެސް މިމުއްދަތުގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އިސްރާއީލު މީހުން މަރުވެފައި ވަނީ ފަލަސްތީނު މީހުންގެ ވަޅީގެ ހަމަލާތަކުގަ އެވެ.
އެމެރިކާގެ ޚާރިޖީވަޒީރު ޖޯންކެރީ ވަނީ ދާދިއަވަހަށް މެދުއިރުމައްޗަށް ވަޑައިގެން އިސްރާއީލާއި ފަލަސްތީނާ ދެމެދު މިހާރު ކުރިޔަށްދާ ހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ކުޑަވެފައި ވުމުގެ ސަބަބުން އިސްރާއީލުގެ އުދުވާނާއި ފަލަސްތީނުގެ ރައްޔިތުން އިސްރާއިލާ ދެކޮޅަށް ތެދުވާ ތެދުވުން ހުއްޓުވުމަކީ އެމެރިކާއަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މުރާސިލުން ބުނެ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ވަނީ އިސްރާއީލު ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ގާނޫނީ މަޝްރޫއުގެ ސަބަބުން ފަލަސްތީނާއި އިސްރާއީލުގެ މެދުގައި ސުލްޙަ ގާއިމް ކުރުމަށް ހުރަސްއެޅިފައިވާ ކަމަށްބުނެފަ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ކުރިޔަށްގެންދާ މަޝްރޫޢުގެ އިތުރުން އިސްރާއީލާއި ފަލަސްތީނާ ދެމެދު މިހާރު ކުރިޔަށްދާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްޙައިގެ ވާހަކަތަކަށް މަގުފަހިވާފަދަ މާހައުލެއް ގާއިމް ކުރުމަށް ދެފަރާތަށް ގޮވާލާފައިވެ އެވެ. (އަލްޖަޒީރާ)