ޔަމަނުގެ ހޫތީ ހަނގުރާމަވެރީން އެގައުމުގެ ގައުމީ ސަލާމުގެ މިއުޒިކް އެކުލަވައިލި އަޔޫބު ޠާރިޝްގެ ގެއަށް ބޮމުގެ ހަމަލާއެއް ދީފި އެވެ.

އޮބްޒާވަރުންނާ ހަވާލާދީ އަރަބި ނޫސްތަކުން ބުނެފައިވާ ގޮތުގައި ތާއިޒު ނަމަކަށް ކިޔާ ރަށުގައި ހުންނަ އެ ގެއަށް ދިން ބޮމުގެ ހަމަލާއަކީ ހޫތީން މިހާތަނަށް ދިން އެންމެ ވަރުގަދަ 'ސިމްބޮލިކް އެޓޭކް' ކަމަށެވެ.

ހޫތީ ހަނގުރާމަވެރިންގެ ހަމަލާއާ ބެހޭ ގޮތުން އަޔޫބު ޠާރިޝް މީޑިއާއާ ހިއްސާކުރި ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ މިވަގުތު ހުރީ ތާޢިޒާ ޖެހިގެން އޮންނަ އޭނާގެ އުފަން ރަށް ކަމަށްވާ އަލް އަބޫސްގައި ކަމަށެވެ. އަދި ހޫތީންގެ ބޮމުގެ ހަމަލާގައި އޭނާގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަޔޫބު ޠާރިޝް ބުނެފައިވާ ގޮތުގައި ހޫތީން އޭނާގެ ގެއަށް ބޮމުގެ ހަމަލާއެއް ދިން ވަގުތު، އެގޭގައި އޭނާގެ ދޮށީ ދަރިފުޅު ޝަދީއާއި އޭނާގެ އާއިލާގެ މެންބަރުން ތިއްބެވެ.

"ނަސީބު ރަނގަޅުކަމުން އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" އަޔޫބު ބުނެފައިވެ އެވެ.

އަޔޫބު ޠާރިޝްއަކީ، މަޝްހޫރު މިއުޒީޝަނެއްގެ އިތުރުން ޔަމަނުގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އުތުރު ޔަމަނާއި ދެކުނު ޔަމަން އެއްކޮށްލައި 1990 ވަނަ އަހަރުގެ މޭމަހުގެ 22 ވަނަ ދުވަހު ޔަމަނުގައި ޖުމްހޫރީ ދައުލަތެއް އިއުލާނުކުރުމާ ގުޅިގެން އެގައުމުގެ ގައުމީ ސަލާމް ކަމުގައިވާ "ގުޅިފައިވާ ޖުމްހޫރިއްޔާ"ގެ ރާގު ހެދީ އަޔޫބު ޠާރިޝްއެވެ. އަދި ގައުމީ ސަލާމުގެ ޅެން ހެދީ ޢަބްދުﷲ "އަލް-ފަދޫލް" ޢަބްދުލްވައްހާބެވެ.

އަޔޫބު ޠާރީޝް ފާހަގަވެގެން ގޮސްފައި ވަނީ، ޔަމަނުގައި 2011 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި އެގައުމުގެ ވެރިކަމުން ދުރުކޮށްފައިވާ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙަށް ވަފާތެރި މީހުންނާ ދެކޮޅަށް ނުތެދުވި މީހެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ރައީސް ޞާލިޙަށް ވަފާތެރި މީހުންނާއި އޭނާއާ އިދިކޮޅުމީހުން މިހާރު ވެސް ބޭނުންކުރަނީ އަޔޫބު ޠާރީޝް ތައްޔާރުކުރި ގައުމީ ސަލާމެވެ.