މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ހުރިހާ ކުދިންނަށް މި އަހަރުން ފެށިގެން ސަރުކާރުގެ ހަރަދުގައި ކިޔަވައިދޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އިތުރު 100 ޖާގަ ހުޅުވައިލައިފި އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިއަދު ބުނީ އެ ފުރުސަތުގައި އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި އެގޮތަށް ފުރުސަތު ހުޅުވާލި ނަމަވެސް، އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވިލާގެ ކިޔެވުން ފަށާނެ ކަމަށް ވެސް އެ ސްކޫލުން މަޢުލޫމާތުދެ އެވެ.

ވިލާ ސްކޫލްގައި 650 އަށް ވުރެ ގިނަ ކުދިން އަންނަނީ ކިޔަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ، އޯލެވެލް ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީ ތައުލީމު އުގެނެވޭ މިންވަރަށް ފާސްވާ ކުދިންގެ ނިސްބަތް އެތައް ތަނަކުން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އަމިއްލަ ސުކޫލްތަކުގައި އޭލެވެލް ހަދާ ކުދިންގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކިޔެވުމުގެ ފީ އާއި އަދި އިމްތިހާނު ފީ ވެސް ސަރުކާރުން ދައްކައިދޭނެ ކަމަށެވެ.