ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެއް ވަނަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް ކުރިއަށްދާ އިރު އެ މުބާރަތުން ފުޅާ ދާއިރާއެއްގައި ބެޑްމިންޓަން ކުޅޭނެ ކުޅުންތެރިން އުފެދިގެންދާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ޗެއާމަން މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މޫސާ ނާޝިދު ވިދާޅުވީ އެ މުބާރާތުގެ ބޭނުމަކީ ބެޑްމިންޓަން ކުޅޭނެ ކުޅުންތެރިން ހޯދުން ކަމަށާއި މުބާރަތަށް އޮފީސްތަކަށާއި ކުންފުނިތަކުން ބޮޑު ފޯރިއެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ މުބާރަތުގައި ވާދަކުރާ ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންނަކީ ހަމައެކަނި މާލޭގައި ވަޒީފާ އަދާ ކުރާ ކުޅުންތެރިން މުބާރާތަށް މާލެ އައިސް ކުޅުމަކީ ވެސް ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނާޝިދު ވިދާޅުވީ މުބާރަތުގައި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ޓީމްތަކުގައި ކުޅުމަކީ މުބާރާތުގައި ވާދަކުރާ އެހެން ކުޅުންތެރިންނަށް ތަޖުރިބާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

"ގައުމީ ބެޑްމިންޓަން ޓީމުގެ ހުރިހާ ކުޅުންތެރިންހެން އޮފިޝަލުންގެ ގޮތުގައި މުބާރާތުގައި އެބަ ވާދަކުރޭ. އެހެންވީމާ މީގެއިން މުބަރާތުގައި ވާދަކުރާ ޓީމުތަކަށް ވެސް ލިބުނު ޔަގީންކަމަކީ މުބާރަތުގައި ކުޅޭ އިރު ތަޖުރިބާ ހުރި ބަޔަކާ އެކު ކުޅުމުގެ ފުރުސަތު ލިބޭކަން."

މި މުބާރާތުގައި ފިރިހެން ޑިވީޝަނުން 22 ޓީމު ވާދަ ކުރާ އިރު އަންހެން ޑިވިޝަންގައި ވާދަކުރަނީ 13 ޓީމެވެ.

މުބާރާތުގެ ދެ ޑިވިޝަނުން ވެސް ހަތަރު ގުރޫޕަށް ޓީމުތައް ބަހާލާފައިވާ އިރު ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

ދެ ޑިވިޝަންގެ ވެސް ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.