Last Updated: 1 decade 1 month ago

ސަރުކާރުގެ އިސްވެރިންތަކެއް ދިރިއުޅުއްވާ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ ވަދެއްޖެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަދެފައި ވަނީ ހ. ހިޔާކޯޅިގެ ދެ ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓަކަށެވެ.
އެ ގޭގައި ކުއްޔަށް ދިރިއުޅުއްވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިރޭ "ސަން"އަށް ވިދާޅުވީ ފުލުހުން ވަދެފައި ވަނީ އެގޭގެ ދެ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓަކަށް ކަމަށާއި އެ އެޕާޓްމަންޓަކީ އޭނާ އުޅުއްވާ އެޕާޓްމަންޓް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެބައިގައި އުޅުއްވަނީ ކޮން ބައެއްތޯ ޖެހޭނީ ބައްލަވާލައްވަން ކަމަށެވެ.
އޭނާ ވިދާޅުވީ 20 އެޕާޓްމަންޓް ހުންނަ އެ އިމާރާތުގައި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި އަދި ޕީޖީ މުހުތާޒު މުހުސިން ވެސް އުޅުއްވަނީ އެ އިމާރާތުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ. ނަމަވެސް އެއިން ބޭފުޅަކު ދިރިއުޅުއްވާ އެޕާޓްމަންޓަކަށް ފުލުހުން ނުވަންނަ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އުޅުއްވަނީ އެ އިމާރާތުގައި ނޫން ކަމަށެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހ. ހިޔާކޯޅި ގެއަށް ފުލުހުން ވަދެފައިވާ ކަމަށެވެ.
"ތުހުމަތު ކުރެވޭ ކަންތައްތަކާއި މައްސަލައާ ގުޅޭ މައުލޫމާތު އަދި ހާމަ ކުރެވެން ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހިޔާކޯޅީގައި ދިރިއުޅޭ މީހަކު "ސަން"އަށް ބުނީ އިމާރާތުގެ ދެ ވަނަ ފަންގިފިލާއިން އެއްވެސް އެއްޗެއް ފުލުހުން ގެންގޮސްފައި ނުވާ ކަމަށް. ނަމަވެސް އެ ގޭގެ އަށް ވަނަ ފަންގިފިލާއިން އެއްޗެހިތަކެއް ގެންދިޔަ ކަމަށް.
އެ ގެއިން ބައެއް ތަކެތި ގެންދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.
ބަލައި ފާސްކުރަމުން ދާ ގޭގެ ތެރެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި. އާދައިގެ ހެދުމުގައި ތިބި ހަތް ވަރަކަށް ފުލުހުން އެ ގެއިން ގެންދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގޭ. އެތަކެތި ބަންދުކޮށްފައި ހުރީ ފޮރެކްސިކް ޓީމުން ގެންގުޅޭ ހަރުދާސް ކޮތަޅުތަކެއްގައި.
ހ. ހިޔާކޯޅީގެ އަށް ވަނަ ފަންގިފިލާ ވެސް ބަލައި ފާސްކުރަމުން އެބަދޭ. އެނގިފައިވާ ގޮތުގައި ޒިޔަތު ދިރިއުޅުއްވަނީ އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގައި. އެބައި ފާސްކުރަމުން ދަނީ ޒިޔަތުގެ ހާޒިރުގައި.
