މިހާރު ކުރިއަށްދާ ކުރިކެޓް ވޯލްޑްކަޕަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެކަން ރޭވުމުގެ ތުހުމަތުގައި އިންޓަޕޯލުން ދެ ދިވެއްސަކު ހޯދަމުންދާ ކަމަށް ބުނެ ތަފާތު މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް އިންޓަޕޯލުން ދޮގުކޮށްފި އެވެ.

އިންޑިއާ އާއި ސްރީ ލަންކާ އާއި ބަންގްލާދޭޝްގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕަށް ހަމަލާދޭން ރޭވި މައްސަލައެއް އިންޓަޕޯލުން ބަލަމުންދާ ކަމަށް ބުނެ އިންޑިއާގެ ތަފާތު މީޑިއާތަކުން ފަތުރަމުންދާ ޚަބަރާ ގުޅިގެން އިންޓަޕޯލުން ބުނަނީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ ހަމަލައެއް ދޭން ބަޔަކު ރޭވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އޭޖެންސީ ވެބްސައިޓްގައި އިއްޔެ ބުނެފައިވަނީ، ވޯލްޑްކަޕާ ދިމާކޮށް އެއްވެސް ބަޔަކު އިންޑިއާ އަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިންޓަޕޯލުން އިއްޔެ އިންޑިޔާގެ ސީބީއައި އަންގައިފައިވާ ކަމަށެވެ. އަދި އަދި އެ މައްސަލައާ ގުޅިގެން ދިވެއްސަކު ވެސް އަދި އެހެން ގައުމެއްގެ މީހެއް ވެސް ހައްޔަރުކުރުމަށް އަމުރު ނެރެފައި ނުވާނެކަން އިންޓަޕޯލުން ބުނެފައިވާ ކަމަށް ވެސް އެ ޚަބަރުގައި ވެއެވެ.

މި ޓެރަރިސްޓް ހަމަލައާ ގުޅޭ ގޮތުން އިންޓަޕޯލުގެ އިސް އޮފިޝަލަކާ ހަވާލާދީ ދުވަހު ނޫސް ހަވީރުގައި ޝާއިއުކޮށްފައިވާ ޚަބަރުވެސް އިންޓަޕޯލުން ވަނީ ދޮގުކޮށްފަ އެވެ.

އެގޮތުން އިންޓަޕޯލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ، ކްރިކެޓް ވޯލްޑް ކަޕަށް ހަމަލަދޭން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު އިންޓަޕޯލުގެ ހެޑްކުއާޓާސްގެ އޮފިޝަލަކު ދެއްވައިފައިވާ ކަމަށް އެ ޚަބަރުގައި ހިމަނައިފައިވީ ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް އިންޓަޕޯލުން ހަވީރަށް ދީފައިނުވާނެ ކަމަށެވެ.

އަދި އެއްވެސް ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށް އިންޓަޕޯލުން ބުނެ އެވެ.

އިންޓަޕޯލުން މިއަދު އެކަން ދޮގުކޮށްފައިވާއިރު، ރާއްޖެއާއި ބައިނަލްއަގްވާމީ މީޑިއާގައި އެ ޚަބަރުވަނީ ވަރަށް ބޮޑަށް ފެތުރިގެންގޮސްފަ އެވެ. އަދި އެ ޓެރަރިސްޓް ހަމަލައާ ގުޅުން ހުރި ކަމަށް ބުނާ ދެ ދިވެހިންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި، އެ ބުނާ ދިވެހި މީހާއަކީ މާޗް 10 ވަނަ ދުވަހު މާލެ އެއާޕޯޓުން ހައްޔަރުކުރި އިގުބާލު މުހައްމަދު އެވެ. އޭނާއަކީ ސަލްޓަންޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ހޯދަމުންދަނިކޮށް ފިލައިގެން ބޭރަށް ފުރައިގެން ދިޔަ މީހެކެވެ. އޭނާ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސް ނެރެފައި އެވެ.

ފުލުހުން ބުނީ، އެ ޓެރަސިސްޓް ހަމަލަ ރޭވިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިޔާގެ ޚަބަރުތަކުގައި ބުނެފައިވަނީ އިގުބާލު ހައްޔަރުކުރމުން ކަމަށެވެ. ނަމަވެސް، އޭނާ ރާއްޖެއިން ހައްޔަރު ކުރުމާ ކްރިކެޓް ވޯލްޑް ކަޕަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރު ކުރުމާ އިންޑިޔާއިން ގުޅުވަނީ ކީއްވެގެންކަަން ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ގައުމީ ދިފާއީ ބާރުންވެސް ބުނެފައިވަނީ، މި މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އެފަރާތަށް ލިބިފައި ނުވާކަމަށެވެ.