14 Oct 2015, 19:01
ހ. ފެންނާގޭގެ ހަވަނަ ފަންގިފިލާގެ ލިފްޓު ގޮޅިން ވެއްޓި ހަތް މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި ގޭގެ ވެރިފަރާތާ ދެކޮޅަށް އެ ކުއްޖާގެ ބައްޕަ ދައުވާ ކުރަން ނިންމައިފި އެވެ.
ހަތް މަހުގެ ފާތިމަތު މަލާކު ނަސީރު ނިޔާވީ މި ހަފްތާގެ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ކުއްޖާއަށް ލިިބިފައިވާ އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މަލާކުގެ ބައްޕަ އަބްދުﷲ ނަސީރާއި ހަވާލާދީ އާއިލާ މީހަކު "ސަން" އަށް މިއަދު ބުނީ މަލާކު ނިޔާވި މައްސަލާގައި ހ. ފެންނާގެ ވެރިފަރާތާ ދެކޮޅަށް ދައުވާ ކުރަން ނަސީރު ނިންމާފައިވާ ކަމަށާއި ދައުވާ ކުރާނެ ވާހަކަ ގޭގެ ވެރި ފަރާތަށް މިހާރު އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް ކޯޓަށް އަދި މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން [މަލާކުގެ އާއިލާއިން] ގަބޫލު ކުރަނީ އެ ހާދިސާ [މަލާކު ލިފްޓު ގޮޅިން ވެއްޓުނު ހާދިސާ] ހިނގައި ދިޔައީ ގޭގެ ވެރިފަރާތުގެ ހަމަ ފަރުވާ ކުޑަކަމުން ކަމަށް. އެހެންވީމަ ކޯޓަށް މައްސަލަ ހުށަހަޅަން މިއުޅެނީ. އަދި އަޅުގަނޑުމެން ކޯޓަށް މައްސަލައެއް ހުށަހެއްނާޅަން. އެއީ މަލާކުގެ މާމަގެ ހާލު ރަނގަޅުވެ ބަޔާން ދެވޭ ވަރުވީމަ ނޫނީ ކޯޓަށް މައްސަލަ ހުށަނާޅަން މިހުންނަނީ،" އޭނާ ބުންޏެވެ.
މަލާކުއާ އެކު ލިފްޓު ގޮޅިން ވެއްޓުނު މަލާކުގެ މާމަ ފާތިމަތު އަހުމަދު 56، އަދިވެސް އަންނަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ނެވެ. އެހެންނަމަވެސް އޭނާ އަށް މާ ބޮޑެތި އަނިޔާތަކެއް ނުވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވި އެވެ.
ތުއްތު ކުއްޖާ އާއި އެ ކުއްޖާގެ މާމަ ލިފްޓު ގޮޅިން ވެއްޓުނު ހ. ފެންނާގޭގައި ދިރިއުޅޭ މީހަކު "ސަން" އަށް ބުނީ ތުއްތު ކުއްޖާ ވެއްޓިފައި އޮތް އިރު އެ ކުއްޖާގެ ހަރަކާތް ހުއްޓިފައިވާ ކަމަށެވެ. އޭނާ ބުނީ އެ ކުއްޖާގެ މާމަ ވެއްޓިފައި އޮތް އިރު އޭނާ ލައިގެން ހުރި ހެދުން ލިފްޓު ގޮޅި ތެރޭގައި ހުރި ހޮޅިދަނޑިއެއްގައި އަޅައިގަނެފައިވާ ކަމަށެވެ. އަދި ތުއްތު ކުއްޖާ ވެއްޓުނު އިރު ޖަހައިގެން އޮތް ނެޕީ ވެސް ނެއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.
ހެންވޭރު ފެންނާގެ: އަންހެނަކާއި ތުއްތު ކުއްޖަކު ވެއްޓުނު -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
"ލިފްޓު ގޮޅި ކުރިން ހުރީ ބައްދާފައި. ބައްދާފައޭ މި ބުނީ ކުޑަވަރެއްގެ ފާރެއް ރާނާފައި ހުރީ. އެކަމަކު ލިފްޓު ލުމަށް ކަމަށް ބުނެ އެ ފާރު ތަޅާލިތާ އަދި ނުވާނެ މާ ގިނަ ދުވަހެއް. އަޅުގަނޑުމެންނަށް ވެސް އުނދަގޫވޭ މިހާރު އެ ލިފްޓު ގޮޅިއާ ދިމާލަށް ބަލާލަން ވެސް. ބިރުގަނޭ. މި އިމާރާތުގައި ވަަރަށް ގިނަ ތުއްތު ކުދިން އުޅޭނެ،" ހ. ފެންނާގޭގައި ދިރިއުޅޭ މީހާ ކިޔައިދި ނެވެ.
ފެންނާގެ ވެރިފަރާތުން ސަންއާ ވާހަކަދައްކަމުން ބުނީ އެ ހާދިސާ ހިނގީ އެގޭގެ ލިފްޓް ލުމަށް، ލިފްޓް ގޮޅީގެ ބޭރުގައި ރާނާފައި ހުރި ހަތަރު ފޫޓުގެ ފާރުތަޅާލިތާ ދެ ވަނަ ދުވަހު ކަމަށާއި އެ ހާދިސާ ހޮނިހިރު ދުވަހު ހިނގީ، މަސައްކަތް ހަވާލު ކުރި ކުންފުނިން އައިސް އެ ދުވަހު މަސައްކަތް ފެށުމުގެ ކުރިން ކަމަށެވެ.
އޭނާ ބުނީ ލިފްޓު ލުމާއި ލިފްޓް ގޮޅީގައި ސިމެންތި ޖަހައި ރީތި ކުރުމަށް ހަވާލުކޮށްފައި ވާނީ ވެސް ޕްރޮފެޝަނަލް ދެ ކުންފުންޏަކާ ކަމަށާއި އެކަމުގައި އެ ދެ ފަރާތުގެ ޒިންމާއެއް ވެސް އޮންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ތަން ކުއްޔަށް ދިން އިރު އެއްވެސް ބައެއްގެ ކައިރީގައި ވަކި މުއްދަތަތެއްގެ ތެރޭގައި ލިފްޓްލާނެ ކަމަށް ބުނެފައި ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެގޭގެ ވެރިފަރާތުން ބުނީ އެ ހާދިސާ ހިނގުމުން ހިތާމަކުރާ ކަމަށާއި ނަމަވެސް އެކަން ހިނގީ ޒަމާންތަކެއް ވަންދެން ލިފްޓް ގޮޅި ހުޅުވާލާފައި ހުރުމުން ނޫން ކަމަށާއި ލިފްޓް ލުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.