ބިންހެލުމަށް ފަހު އައި ސުނާމީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޖަޕާނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފައިސާ ހޯދުމަށް ރ. ރަސްމާދޫ މިސްކިތުގައި ބެހެއްޓި ފަންޑުފޮށި ވަގަށް ނަގައިފި އެވެ.

ރަސްމާދޫ ރަށު ކައުންސިލްގެ ރައީސް އަޙުމަދު މާހިރު މިއަދު ވިދާޅުވީ ފަންޑުފޮށި ވަގަށް ނެގި ކަމަށް ބެލެވެނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7 ޖަހާއެހާކަންހާއިރު ކަމަށެވެ.

ޖަޕާން ރައްޔިތުންނަށް އެހީވުމަށްޓަކައި ރަސްމާދޫގެ ރައްޔިތުން ފައިސާ އެއްކުރުމުގެ ގޮތުން އެ ރަށު ހުކުރު މިސްކިތުގައި ބެހެއްޓި ފޮށި ބެލެހެއްޓުން ރަށު ކައުންސިލުން ހަވާލުކުރީ މިސްކިތުގެ މުދިމާ ކަމަށް މާހިރު ވިދާޅުވި އެވެ. އަދި އެ ފޮށި ވަގަށް ނެގިކަން އެނގުނީ ފަންޑުފޮށި ރަށު ކައުންސިލްގެ އިދާރާ އަށް ގެންދެވީތޯ މުދިމު ސުވާލުކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަންޑުފޮށި ބެލެހެއްޓުން އަޅުގަނޑުމެން ޙަވާލުކޮށްފައި އޮންނާނީ މިސްކިތުގެ މުދިމާ. ކޮންމެ ރެއެއްގެ ޢިޝާނަމާދަށް ފަހު މުދިމު އެފޮށި ގެއަށް ގެންދޭ. ނަމަވެސް ހުކުރު ވިލޭ ރޭ އޭނާ އަށް ފޮށި ނުލާ ގެއަށް ދެވުނީ ހަނދާން ނެތިގެން." ފަންޑުފޮށި ގެއްލުނު ގޮތާ ބެހޭ ގޮތުން ސަން އަށް މަޢުލޫމާތު ދެއްވަމުން މާހިރު ވިދާޅުވި އެވެ. މާހިރު ވިދާޅުވި ގޮތުގައި ފަންޑުފޮށިމަތިން ހަނދާންވެގެން މުދިމު އެނބުރި މިސްކިތަށް ދިޔައީ އެރޭ 9 ޖެހިއިރު އެވެ.

ރަސްމާދޫ މިސްކިތުގައި ހުރި ފަންޑުފޮށި ވަގަށް ނެގި މައްސަލަ ތަޙުޤީޤު ކުރުމަށް އުނގޫފާރުގައި ތިބޭ ފުލުހުން އެ ރަށަށް ގޮސް ތިން ދުވަސްވަންދެން މަސައްކަތްކޮށްފައިވާ ކަމަށް ރަސްމާދޫ ރަށު ކައުންސިލްގެ އިދާރާ އިން ބުންޏެވެ. ނަމަވެސް މިހާތަނަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ނެތުމާ އެކު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް އެއިދާރާ އިން ބުންޏެވެ.

ފަންޑުފޮށި ވަގަށް ނެގި އިރު އެފޮށީގައި 5000 ރުފިޔާ އާއި 6000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އަޙުމަދ ުމާހިރު ވިދާޅުވި އެވެ.