14 Oct 2015, 23:41
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖޭގެ މައިގަނޑު ސިނާއަތްތައް ކަމަށްވާ ޓުއަރިޒަމާއި މަސްވެރިކަން ދަށަށް ގޮސް ކޮންސްޓްރަކްޝަން މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ނެރޭ ކުއާޓާލީ އިކޮނަމިކް ބްލެޓިންގައި ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓުއަރިޒަމުން 1.4 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަަމަށެވެ. މިއީ ފާއިތުވި އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު ތިން ޕަސެންޓް ދަށް އަދަދެކެވެ.
ޓުއަރިޒަމް ސިނާއަށް ދަށަށް ގޮސްފައި ވަނީ ޔޫރަޕާއި ޗައިނާ އިން އަންނަ ޓުއަރިސްޓުން މަދުވުމުން ކަމަށް އެ ރިޕޯޓްގައި ވެއެވެ. މީގެ އިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް ވެސް ވަނީ މަދުވެފައެވެ. ކުރިން އެވެރެޖްކޮށް ޓުއަރިސްޓުން 6.2 ދުވަސް ހޭދަކުރާ އިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެވްރެޖްކޮށް ޓުއަރިސްޓުން ހޭދަކޮށްފައި ވަނީ 5.8 ދުވަހެވެ.
އަދި ފާއިތުވި އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު ބެޑް ކެޕޭސިޓީ ހަތް ޕަސެންޓް އިތުރުވެފއިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ. އަދި ބެޑް ކެޕޭސިޓީ އިތުރުވުމުގެ އެއް ސަބަބަކީ ގެސްޓްހައުސްތައް އިތުރުވުންކަން ފާހަގަކޮށްފައިވެއެވެ.
މަސްވެރިކަން
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭން އެކްސްޕޯޓް ކުރި މަހުގެ މިންވަރު ވަނީ 13 ޕަސެންޓް ދަށްވެފައި ކަމަށް މަރުކަޒީ ބޭންކް ރިޕޯޓް ބުނެއެވެ. ފުރަތަމަ ހަ މަސްދުވަހު ރާއްޖޭން އެކްސްޕޯޓްކޮށްފައި ވަނީ 24،659 މެޓްރިކް ޓަނުގެ މަހެވެ. މަސް އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައިވީ ނަމަވެސް މަހުން ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ އެއް ޕަސެންޓަށް ވުރެވެސް ކުޑަ އަދަދެއް ވަނީ އިތުރުވެފައެވެ. މަހުން ރާއްޖެ އަށް އެކަށީގެންވާ އާމްދަނީ އެއް ލިބިފައިނުވަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ދަށްވުމުން ކަމަށް އެ ރިޕޯޓް ގައި ވެއެވެ.
ކޮންސްޓަރަކްޝަން
ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ކޮންސްޓްރަކްޝަން މަސައްކަތްތައް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކޮންސްޓަރަކްޝަނަށް ބޭނުންކުރާ ސާމާނު 41 ޕަސެންޓް އިތުރުވެފައިވާ ކަަމަށް އެ ރިޕޯޓް ބުނެއެވެ. މީގެ އިތުރުން ބޭންކުތަކުން އިމާރަތްކުރުމަށް ދޭ ލޯނުތައް އިތުރުވުމުގެ ސަބަބުން ވެސް އި އިންޑަސްޓްރީ ކުރިއަރާފައިވާ ކަަމަށް އެ ރިޕޯޓް ބުނެއެވެ. އެފަދަ ލޯނުގެ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1.8 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 46 ޕަސެންޓް އިތުރު އަދެދެކެވެ.