ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯން ގޫރޫޕް 'ސީ' ގައި ރޭ ހޮންކޮންގާ ދެކޮޅަށް ބޫޓާންގެ ކުޅުންތެރިން ދެއްކި ކުޅުމަށް އެގައުމުގެ ކޮންމެ ކުޅުންތެރިޔަކަށް ބޯނަސް ފައިސާ ދިނުމަށް ބޫޓާންގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

ބޫޓާންއާ ހޮންކޮން ރޭ ބައްދަލު ކުރި މެޗް އެއްވަރު ވެގެން ނިމެން ދަނިކޮށް ހޮންކޮންގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު މިނެޓްގައި ޗަން ސިއު ކީއެވެ.

ބޫޓާންގެ ގައުމީ ޓީމްގެ މެނޭޖަރު ހިޝޭ ޝޭރިންގ ބުނީ ހޮންކޮން މެޗްގައި ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެގައުމުގެ ފުޓްބޯޅަ ފެޑްރޭޝަނުން ކޮންމެ ކުޅުންތެރިޔަކަށް ބޯނަސް ފައިސާގެ ގޮތުގައި 25000 ބޫޓާނީސް އިންގަލްޓް (5917 ރުފިޔާ) ދޭން ނިންމާފައިވާ ކަމަށެވެ.

ޝެރިން ބުނީ ކުޅުންތެރިން މިފައިސާ ދޭނީ އެގައުމުގެ ޝާހީ އާއިލާއިން ބާއްވާ ޝާހީ ކައިވެނީގެ ރަސްމިއްޔާތުގައި ކަމަށެވެ.

ގައުމީ ކުޅިވަރެއްގެ ގޮތުގައި ދުނިދަނޑީގެ 'އާޗަރީ' ހަމަޖައްސާފައިވާ ބޫޓާންގައި ދަނީ މިފަހަކަށް އައިސް ފުޓްބޯޅައިގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 173 ވަނައިގައެވެ. އެޓީމު އޮތީ ދެކުނު އޭޝިއާ ސަރހައްދުގެ ދެ ވަނައިގައެވެ.