ރެއާލްމެޑްރިޑް ގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ހަ އަހަރު ކުޅުން ހުއްޓާނުލައި ކުރިޔަށް ގެންދަން ބޭނުން ކަމަށް ބުނެފިއެވެ.

ސްޕެއިން ގެ މާސާ ނޫހަށް ދިން އިންޓަވިއުއެއްގައި 2018 ވަނަ އަހަރާއި ހަމައަށް ރެއާލްއާ އެކު ކޮންޓްރެކްޓް ހަދާފައިވާ ރޮނާލްޑޯ ބުނީ ރެއާލްމެޑްރިޑް ދޫކުށްލުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށާއި އުންމީދު ކުރަނީ އަދި ހަ އަހަރު ދުވަހު ރެއާލްގައި ކުޅެވިދާނެ ކަމަށެވެ. އަދި ރަނގަޅަށް އޭނާގެ ހަށިގަޑަށް ބަލައިގެން އުޅެފި ކަމުގައިވާ ނަމަ އެކަން ނުކުރެވެންވީ ސަބަބެއްވެސް ނެތް ކަމަށެވެ.

"އަހަރެންގެ އުންމީދަކީ ރެއާލް މެޑްރިޑްގައި ރިޓަޔާ ކުރުން. ރަނގަޅަށް ސިއްހަތަށް ބަލައިގެން އުޅެފިއްޔާ 40 އަހަރު ގައި ވެސް ފުޓްބޯޅަ ކުޅެވިދާނެ،" މި އަހަރު ފެބްރުއަރީ ގައި އުމުރުން 30 އަހަރު ފުރުނު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ޔޫރަޕްގެ އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެވޯޑް ހަތަރު ވަނަ ފަހަރަށް ހާސިލުކޮށް އެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފައެވެ. އެކަމަކު ރޮނާލްޑޯ ބުނީ މިވަރުން ނުފުދޭ ކަމަށާއި އިތުރު ކާމިޔާބީ ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ފަސް ވަނަ އަދި ހަ ވަނަ ފަހަރަށް ވެސް ރަންބޫޓު ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

ކެރިއަރުގައި ކާމިޔާބް ކުރި 400 ވަނަ ގޯލާއެކު ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލް ކާމިޔާބް ކުރި ރައުލްގެ ރެކޯޑް ވެސް ރޮނާލްޑޯ މިހާރު ވަނީ މުގުރާލައިފައެވެ.