29 Mar 2011, 12:05
އެސްޓީއޯގެ ނޮން އެގްޒެކެޓިވް ޗެއާމަން އެކުންފުނީގެ ކޯޕަރޭޓް ކާޑު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން މާލިއްޔަތު ކޮމިޓީ އަށާއި އޭސީސީ އަށް ހުށަހެޅި މައްސަލައަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ހިމަނައިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޯޕަރޭޓް ކާޑަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަދޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެސްޓީއޯ އިން ކުރަން ޖެހޭ އެކިއެކި ހަރަދުތައް ކުރުމަށްޓަކައި ދޫކޮށްފައިވާ ކަޑެއް ކަމަށާއި އެތަނުގެ ނޮން އެގްޒެކެޓިވް ޗެއާމަން ފާރޫގް އުމަރުގެ އަމިއްލަ ބޭނުމަކަށް ނަހަމަ ގޮތެއްގައި އެ ކާޑުގެ ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
"އެކާޑަކީ އެމެޖެންސީ ހާލަތްތަކުގައި ނުވަތަ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އަމިއްލަ ކަމެއްގައި ވެސް ބޭނުން ކުރެވޭނެ ކާޑެއް. އަދި އެ ކާޑު ބޭނުން ކުރި މަހުގައި ފައިސާ ދައްކާ ގޮތަށް ނުވަތަ ކާޑު ބޭނުން ކުރި ފަރާތުގެ މުސާރަ އިން އެ ފައިސާ ކަނޑާ ގޮތަށް ކްރެޑިޑް ކާޑް ޕޮލިސީގައި ކަނޑައަޅާފައިވޭ،" އެސްޓީއޯގެ ނޫސްބަޔާނުގައިވެ އެވެ.
ކުންފުނީގެ ޗެއާމަން ވެސް ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ [އެމްޑީ] ޝާހިދު އަލީގެ ނަމުގައި ހައްދާފައި އޮންނަ ކުންފުނީގެ ކޯޕަރޭޓް ކްރެޑިޓް ކާޑަކީ އަމިއްލަ ބޭނުންތައް ފުއްދުމަށް އޮންނަ ކާޑެއް ނޫން ކަމަށެވެ.
ނަމަވެސް އެކާޑުން އަމިއްލަ ބޭނުމެއް ކުރެއްވިންތޯ ސަން އިން ދެންނެވުމުން އެ ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވި އެވެ.
އެމްޑީގެ ނަމުގައި ހައްދާފައި އޮންނަ ކުންފުނީގެ ކޯޕަރޭޓް ކްރެޑިޓް ކާޑް ފާރޫގު އުމަރުގެ އަމިއްލަ ބޭނުންފުޅުތަކަށް ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ އޭޝިޔާ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެމްޑީ އަހުމަދު ނަސީރުގެ ފަރާތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވަނީ ހުށަހަޅައިފަ އެވެ.
އެމްޑީ ޝާހިދު ކުރިން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯޕަރޭޓް ކާޑަކީ ކުންފުނީގެ ކާޑެއް ކަމަށާއި ކުންފުނީގެ ޗެއާމަންގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް ވެސް ކުންފުނީގެ ޕޮލިސީގެ ތެރޭގައި އެ ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.
"ކާޑުން އަމިއްލަ ހަރަދެއްކޮށްފައި އިންކަމުގައި ވީނަމަވެސް އެލާރި ކުންފުންޏަށް ވަދެއްޖެ ކަމުގައިވާ ނަމަ ކުންފުނީގެ އެއްވެސް މައްސަލައެއް ނެތް. ކާޑު ބޭނުން ކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައެއް ނުވާނެ." ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެސްޓީއޯގެ ކްރެޑިޑް ކާޑަކާ ގުޅިގެން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ އަވަސް ކޮށްދެއްވުމަށް އެސްޓީއޯގެ އެމްޑީ ޝާހިދު އަލީ ވެސް އޭނާ އާ ގުޅުއްވައި އެދިވަޑައިގެންފައިވާ ކަމަށެވެ.
"އެސްޓީއޯ އިން ޝާހިދު ވެސް ގުޅުއްވާފައި ވިދާޅުވި ތިމަންނާމެން ބޯޑު މީޓިންއެއް ބާއްވަންވެގެންނޭ މިއުޅެނީ، އެހެންވެ އަވަހަށް އެ މައްސަލަ ބަލައިދެއްވާށޭ. އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައިދެއްވުމަށް ޝާހިދު އެދިވަޑައިގެތް." ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ އެސްޓީއޯ އިން ބޭނުން ވަނީ އެ މައްސަލައިގައި ކޮރޮޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިވާ ނަމަ އެކަމެއް ބަލައި ވީހާ ވެސް އަވަހަކަށް އެކަން ސާފުކޮށް ދިނުމަށް ކަމަށެވެ.