20 Apr 2010, 16:09
14:30
ޔޫރަޕްގެ ގައުމުތަކުން ވައިގެ ދަތުރުފަތުރު ހުއްޓާލަފައި އޮތުމުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓުން 18 ޕަސެންޓަށް ތިރިވާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ބުނެފި އެވެ.
ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ނުވަތަ އެމްޓީޕީބީން ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއަށް 57,186 މީހުން އައިސްފައިވާއިރު ފާއިތުވި ތިން މަހަށް ބަލައި މިމަހު 25 ޕަސެންޓް އިތުރުވާނެ ކަމަށް ބަލައި 71،482 މީހުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގެ ބުދަ ދުވަހު އައިސްލެންޑްގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ޖައްވަށް އަރާފައިވާ ވިހަ ދުމުން ޖައްވު ނުސާފުވުމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގައި މަތީގެ އުދުހުންތައް ވަނީ ހުކުރު ދުވަހުން ފެށިގެން ހުއްޓާލައިފަ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށް، ފާއިތުވި ފަސް ދުވަހު ރާއްޖެއަށް ޔޫރަޕުން އަންނަން އޮތް ފްލައިޓްތައް ކެންސަލްވުމާއި ގުޅިގެން ފަސް ހާސް ޓޫރިސްޓުން މަދުވާނެ ކަމަށް ވެސް އެމްޓީޕީބީން ބުނެ އެވެ.
އެމްޓީޕީބީން ބުނީ މަދުވި އަދަދުގެ ސަބަބުން އަންދާޒާކުރި 25 ޕަސެންޓް އިތުރުވުމުގެ ބަދަލުގައި އިތުރުވާނީ 18 ޕަސެންޓް ކަމަށްވާތީ ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ 48،266 ޓޫރިސްޓުން ކަމަށެވެ.
ރޮއިޓާސް އިން ލަފާކުރާ ގޮތުގައި މިކަމުގެ ސަބަބުން ހުއްޓިފައިވާ އެއާލައިން އިންޑަސްޓްރީއަށް ކޮންމެ ދުވަހެއްގެ މައްޗަށް 250 މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދެ އެވެ. އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މިހަފްތާހައި ޖައްވު ސާފުވެ އަލުން މަތިންދާ ބޯޓުގެ ދަތުރުފަތުރުތައް ފެށިގެން ދިއުމުން ފަތުރުވެރި ކަމަށް އައިސްފައިވާ ހީނަރުކަން ފިލައިގެންދާނެ އެވެ.
މި ހަފްތާގައި ޔޫރަޕްގެ ފްލައިޓްތަކުގެ އުދުހުން އަނބުރައި ފަށައިފި ނަމަ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިމަހު އަންނާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށް ވާސިލްވެވޭނެ ކަމަށް ބެލެވޭ ކަމަށް އެމްޓީޕީބީން ބުނެ އެވެ.