14 Oct 2015, 15:46
އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ސުލްހައަށް ބުރޫ އަރާ ފާދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އުފެދިފައިވާ ޒަމާނީ ގުޅުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ގައުމަށް ލިބޭނެ ހިތާމައެއް ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާ ކަމަށް އެމްޑީޕީން އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ފާއިތުވި ދުވަސްތަކުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ މެދު އޮތް ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައި ވަނީ ދިވެހި ސަރުކާރުން އިރުމަތީ ގައުމުތަކަށް ހާއްސަ ކަމެއް ދީގެން ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުން ކަމުގައި ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އިން މެދު ނުކެނޑި ދެގޮތެއްނުވެ ދެމި ތިބޭ ކަމީ ރާއްޖޭގެ ތަރައްގީގެ މަގުގައި އިންޑިޔާގެ މުހިއްމު ދައުރު ހާމަވާ ކަމެއް ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާއަކީ ދިވެހިރާއްޖެ އަށް އެންމެ ބޮޑަށް އެހީވަމުން އަންނަ އަދި ދިވެހިންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.