14 Oct 2015, 13:37
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރު ކަމުން ހ. ތެމާ މުހައްމަދު ޝިޔާމް ވަކިކޮށްފި އެވެ.
ތެމާ ޝިޔާމް މިއަދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ޝިޔާމް ސަން އަށް ވިދާޅުވީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ވަކިކުރިކަން ފޯނުން ގުޅައި ރައީސް އޮފީހުން މިއަދު އަންގާފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރު ކަމުން ތެމާ ޝިޔާމް ވަކިކުރި އިރު ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އެގްޒެކަޓިވް ކޮންސަލްޓަންޓްގެ މަގާމުން ވެސް ދާދިފަހުން އޭނާ ވަނީ ވަކިކޮށްފަ އެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު ޑެޕިއުޓީ ސީއީއޯގެ މަގާމަށް ބަދަލުކޮށް، ސީއީއޯގެ މަގާމަށް އެކުންފުނީގެ ޗެއާމަން މުހައްމަދު ޖުނައިދު ވަނީ ދާދިފަހުން އައްޔަން ކޮށްފަ އެވެ.