އެމެރިކާގެ މަލްޓިނޭޝަނަލް ފުޑް އަދި ބެވަރޭޖް ކުންފުންޏެއް ކަމަށްވާ "ޕެޕްސީކޯ" އިން ޗައިނާގެ މާކެޓަށް ސްމާޓްފޯނެއް ނެރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސޮފްޓް ޑްރިންކްސް އުފެއްދުމަށް މަޝްހޫރު ޕެޕްސީން ބުނީ، ސްމާޓްފޯނެއް އުފެއްދުމަށްފަހު ޗައިނާގެ މާކެޓަށް އަންނަ ހަފްތާގައި ނެރޭނެ ކަމަށެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ފޯނެއް ނެރުމަށް ހަމަޖެހިފައިވާއިރު އެ ފޯނަކީ މިހާރު މާކެޓުގައި ހުރި ފޯނުތަކާ އަަޅައިބަލާއިރު ސްޕެސިފިކޭޝަންގެ ގޮތުން މިޑްރޭންޖްގެ ފޯނެއް ކަމަށް ޕެޕްސީން ބުނެއެވެ.

އެގޮތުން 5.5 އިންޗީގެ ސްކްރީނެއް އިންނަ އެ ފޯނުގެ ރެޒޮލިއުޝަން އަކީ 1080P އެވެ. "ޕެޕްސީ ޕީ1" ކިޔާ އެ ސްމާޓްފޯނުގެ ދެ ޖީބީ ރެމް އެއް އިންނަ އިރު އޭގެ ރިއަވިއު ކެމެރާއަކީ 13 މެގަޕިކްސެލްގެ ސެންސަރެއް އެކުލެވޭ ކެމެރާއެކެވެ. އަދި ފްރަންޓް ވިއު ކެމެރާއަކީ ފަސް މެގަޕިކްސެލްގެ ސެންސަރު ކެމެރާއެކެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އަންނަ އަންގާރަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އެ ފޯނު 205 ޑޮލަރަށް ގަންނަން ލިބޭނެ އެވެ. ނަމަވެސް އެ ފޯނު ގަންނަން ލިބޭނީ ޗައިނާއިން އެކަންޏެވެ.

ފޯނު އުފެއްދުމާ ގުޅިގެން ޕެޕްސީން ބުނީ އެ ކުންފުނިން އެއްވެސް ހާލެއްގައި މޯބައިލް މާކެޓަށް ނުކުންނަން ނޫޅޭ ކަމަށެވެ. ނަމަވެސް އެ ފޯނު އުފެއްދުމުގެ ބޭނުމަކީ ކުންފުނީގެ މަގުބޫލުކަން އިތުރުކުރުން ކަމަށް ޕެޕްސީން ބުނެއެވެ.