14 Oct 2015, 12:56
ކޮންމެފަދަ ދަނޑިވަޅެއް ކުރިމަތިވެފައިވީ ކަމުގައި ވިޔަސް ވެސް ގައުމު ކުރިއަށް ދިއުމުގެ ދުވެއްޔަށް ބަދަލެއް ނުގެނެސް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށާއި އެ ދުވެއްޔަށް ބަދަލެއް އައިސްގެން ނުވާނެ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީ އިން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފްކުރި 60 ހޯސްޕަވަރުގެ ޔަންމާ އިންޖީނު ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ، ރައީސް ޔާމީންގެ ރަސްމީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާ ގުޅިގެން ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި ވެސް ގައުމު ހިންގުމުގެ ދުވެއްޔަށް އެއްވެސް ބަދަލެއްނާންނާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ މިފަދަ ދަނޑިވަޅުތަކުގައި ވެސް ގައުމުގެ ދުވެއްޔަށް ކުރިއަށް ދިއުމުގެ ސްޕީޑަށް ކުޑަވެސް ބަދަލެއް ނުގެނެސް އަޅުގަނޑުމެން ކުރިއަށްދާންވާނެއޭ،" ޑރ. ޝައިނީ ވިދާޅުވި އެވެ.
އެ ހާދިސާގައި ރައީސް ޔާމީންގެ ހަށިކޮޅަށް އެއްވެސް ހާނީއްކައެއް ނުވެ ސަލާމަތްވީތީ ޑރ. ޝައިނީ ﷲގެ ހަޒްރަތަށް ޝުކުރުއަދާކުރެއްވި އެވެ. ނަމަވެސް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމާއި ސެކިއުރިޓީ އޮފިސަރަކަށް ލިބުނު ޒަހަމްތަކާ މެދު ހިތާމަކުރައްވާ ކަމަށާއި އެ ދެބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ޑރ. ޝައިނީ ދުއާކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނާޒުކު ދަނޑިވަޅުތަކުގައި ވެސް ގައުމު ކުރިއަށްގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެމްޓީސީސީ އިން އެފަދަ މަސައްކަތެއް ކުރެއްވީތީ އެ ކުންފުނީގެ ބޯޑު މެންބަރުންނާއި މުއައްޒަފުންނަށް ޑރ. ޝައިނީ ޝުކުރުއަދާކުރެއްވި އެވެ.