14 Oct 2015, 12:21
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ޔްނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އޮފީހުގައި ވެސް ފަލަސްތީނުގެ ދިދަ ނަގައިފި އެވެ.
ޖެނީވާގައި ހުންނަ ޔޫއެންގެ އޮފީހުގައި ފަލަސްތީނުގެ ދިދަ ނެގުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ މިޝަންގެ ޗާޖް ޑިއެފެއާޒް ގީލާ އަލީ ކަމަށެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީ އެވެ. އަދި ޔޫއެންގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޖެނީވާ އޮފީހުގެ ޑައިރެކްޓަރް ޖެނެރަލް މިޚައިލް މުލާ އެވެ.
ޔޫއެންގެ އޮފީސްތަކުގައި ފަލަސްތީނު ދިދަ ނަގަން ފެށީ އޮބްޒާވަރުންގެ ދަރަޖައިގައި ޔޫއެންގައި ތަމްސީލުކުރާ ގައުމުތަކުގެ ދިދަ ނެގުމަށް ޔޫއެންގެ ޖެނެރަލް އެސެމްބްލީ އިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ގަރާރެއް ފާސްކުރުމުންނެވެ. އެގަރާރު ފާސްކުރުމުން އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޔޫއެންގެ މައި މަރުކަޒުގައި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ފަލަސްތީނުގެ ދިދަ ނެގި އެވެ.