ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ޔޫއެން ފްރެންޑްސްއާ ހަރިކޭން ބީސީ ބައްދަލު ކުރި މެޗް ހަރިކޭންއިން ކާމިޔާބް ކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުން ޔޫއެން ފްރެންޑްސްއާ ވާދަކޮށް ހަރިކޭން މޮޅުވީ 95-65 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ހަރިކޭންގެ ބިދޭސީ ކުޅުންތެރިއާ އެލެކްސެންޑާ ކަލާންޖް އެވެ. އޭނާ ވަނީ 22 ޕޮއިންޓް ހޯދައިފަ އެވެ.

ޔޫއެން ފްރެންޑްސް އިން އެ މެޗް ގައި އެންމެ މޮޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދިން އަބްދުﷲ އަމްޒާ އެވެ.

އެ މުބާރާތުގެ މެޗެއް ދެން އޮންނާނީ މާދަމާ އެވެ. ފުރަތަމަ މެޗްގައި ހަތެއް ޖަހާއިރު ޔޫއެން ފްރެންޑްސްއާ ދެކޮޅަށް ނިކުންނާނި ޓީރެކްސް ބީސީ އެވެ. އަދި ދެވަނަ މެޗްގައި ނުވައެއް ޖަހާއިރު ރެޑްލައިން ކްލަބާ ދެކޮޅަށް ކުޅޭނީ ކްލަބް ޕީކޭ އެވެ.

މާދަމާ ރޭ ކުޅޭ ދެ މެޗަށް ފަހު އަންނަ ހޮނިހިރު ދުވަހު އެ މުބާރާތުގެ ދެ ވަނަ ބުރުގެ ކުޅުން ފެށޭނެ އެވެ.

މި މަހުގެ ފަހަކުން 31ގެ ނިޔަލަށް ކުރިޔައް ދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމް ވަނީ ބައިވެރިވެފައެވެ.