މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ގަނެވިއްކުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް، ނުއަގުގައި ޑޮލަރު ގަނެވިއްކުމުގެ މައްސަލަ އިންތިހާ އަށް އިތުރުވެ، ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދިފައިވުމާ ގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އެމްއެމްއޭ އިން ކަނޑައަޅާފައި އޮންނަ އަގާ ހިލާފަށް ޑޮލަރު ގަނެ ވިއްކާ ފަރާތްތައް އިތުރުވެފައި ވާތީ އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ނުއަގުގައި ޑޮލަރުގެ ގަނެވިއްކާ ކަމަށް ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.

"ނުއަގުގައި ޤާނޫނާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކުން ހުއްޓުވުމަށާއި ގާނޫނާ އެއްގޮތްވާގޮތަށް ބޭރުފައިސާ ގަނެވިއްކުމަށް ބާރުއެޅުމުގެ ގޮތުން އަޅުގަނޑުމެން މި އޮޕަރޭޝަން ފެށީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކު، އެމްއެމްއޭއިން އެމެރިކާ ޑޮލަރު ގަންނަ އަގު ކަމަށް ކަނޑައަޅާފައިވަނީ ޑޮލަރެއް 12.75ރ. އެވެ. އަދި ވިއްކާ އަގު ކަމަށް ކަނޑައަޅާފައިވާ އަގަކީ ޑޮލަރެއް 12.85ރ. އެވެ. ނަމަވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރެއް ވަނީ 14ރ. އަށް ވެސް ވިއްކަމުން ގޮސްފަ އެވެ.

ފުލުހުން ބުނީ އެ އެޕަރޭޝަންގައި ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުންވެސް ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ. އެގޮތުން ވިއްކާ ފައިސާގެ ރިސިޕްޓް ބަރާބަރަށް ހަދާފައިނެތުމާއި، އެމްއެމްއޭއަށް ގަވާއިދުން ފޮނުވަންޖެހޭ ރިޕޯޓްތައްވެސް ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކޮށްފައި ނުވާކަން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުންޏެވެ.

އަދި ބުނީ ބޭރު ފައިސާގެ ވިޔަފާރި ރެގިއުލޭޓް ކުރުމަށް އެމްއެމްއޭ އިން މިހާތަނަށް އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

އެ އޮޕަރޭޝަން ވަކި މުއްދަތެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުވެސް ރޭ ވިދާޅުވީ ކޮންމެ ޑޮލަރަކަށް ފުލުހަކު ބަހައްޓައިގެން ނަމަވެސް ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.