14 Oct 2015, 11:51
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ މެރިން އިންޑަސްޓްރީ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު، ރާއްޖޭގައި އޮޑި ދޯނިފަހަރު ބަނުމުގެ ސިނާއަތަށް ނުކުތުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން އަލަށް ތައާރަފްކުރި އިންޖީނެއް މާކެޓަށް ނެރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އަންނަ އަހަރު އެ ކުންފުނިން އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތަށް ނުކުންނަން މަސައްކަތް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވިސްނަމުން މި އަންނަނީ 2016 ވަނަ އަހަރުގެ ތެރޭގައި އޮޑި ބަނުމުގެ ސިނާއަތުގައި ހަރަކާތްތެރިވާން. އޭގެ މަގްސަދަކީ އެމްޓީސީސީ އިން އޮޑިވެރިންނަށް ބޭނުންވާ އިންޖީނު ހޯދައިދޭއިރު، އެ އިންޖީނު އަޅަން އެކަށޭނަ އޮޑިއަކާ އެކު އިންޖީނު މާކެޓަށް ނެރުން،" ހަލީމް ވިދާޅުވި އެވެ.
އެމްޓީސީސީ އިން ބޭނުން ވަނީ އޮޑިވެރިންނަށް އެމްޓީސީސީ މެދުވެރިކޮށް އެބޭފުޅުންނަށް ބޭނުންވާ ހުރިހާ ހައްލެއް ލިބިގެންދިއުން ކަމަށާއި އެގޮތުން އޮޑިއަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީއާ އެކު ވެވޭ އެންމެ އެއްބަސްވުމަކުން އެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އަދި އޭގެ ސަބަބުން އޮޑިބަންނަން މިހާރު މާކެޓްގައި ހޭދަވާ ވަގުތު ވެސް ކުޑަވާނެ ކަމަށާއި ރަނގަޅު ފައިނޭންސް އުސޫލެއްގެ ދަށުން ދިގު މުއްދަތެއްގައި އޮޑި މިލްކުކުރެވޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން މި އަހަރު ނޮވެމްބަރު މަހުގެ ކުރީކޮޅު އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނު އެމްޓީސީސީ އިން އަލަށް ތައާރަފްކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި އޮޑިބަނުމަށް ބޭނުންވާނެ އެންމެ މުހިންމު މެޓީރިއަލްތައް ކަމުގައިވާ ފައިބާ ރެސިން އާއި ފައިބާ މެޓްގެ ބާވަތްތައް ހިމެނޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.