14 Oct 2015, 11:34
ރ. އަލިފުށީގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަލިފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނެވެ.
ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް އަލިފުށީގައި ހިންގާ މަޝްރޫއުގެ ދަށުން 16 ކިލޯ މީޓަރުގެ ހޮޅި ވަޅުލާނެ ކަމަށް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ އަލިފުށީގައި ނަރުދަމާ ނިޒާމު ގާއިމު ކުރާއިރު ހަތަރު ސުވަރޭޖް ޕަމްޕް ސްޓޭޝަން ބަހައްޓައި އައުޓްލެޓް ސިސްޓަމެއް ގާއިމު ކުރާނެ ކަމަށެވެ. އެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމުމަށް އުންމީދު ކުރާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
އިއްޔެގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ރަށްތަކުގައި ނަރުދަމާ ނިޒާމު ފަދަ ހިދުމަތްތައް ދޭން ފެށުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށެވެ. ހަމަ އެފަދައިން އަލިފުށީގައި ނަރުދަމާ ނިޒާމުގެ ހިދުމަތް ދޭން ފެށުމުން ވެސް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ނަރުދަމާ ނިޒާމު ގާއިމު ކުރުމުން ރަށުތެރޭގައި ބަލިމަޑުކަން ފެތުރުން ކުޑަކުރެވި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތަށް މަހުފަހި ވެގެން ދާނެ ކަމަށެވެ.