އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް އަވަހަށް ރާއްޖެ ޒިޔާރަތްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އިންޑިއާގެ އޮންލައިން ނޫސްތަކުން ބުނެފި އެވެ.

މާޗް މަހު ރާއްޖެ އަށް ކުރައްވަން އޮތް ދަތުރު މޯދީ ކެންސަލްކުރެއްވުމުން އެކަމާ ހިތާމަކުރާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ހީވަނީ އެ ދުވަސްކޮޅަކީ ތަންކޮޅެއް ދަތި ދުވަސްކޮޅެއްހެން، އަޅުގަނޑު އުއްމީދުކުރަނީ ވަރަށް އަވަހަށް އެ ބޭފުޅާ [މޯދީ] ރާއްޖެ ވަޑައިގަންނަވާނެ ކަަމަށް،" ދުންޔާ ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.

މިދިޔަ މާޗް މަހު މޯދީ ރާއްޖެ ވަޑައިގަންނަވަން އޮތް ދަތުރުފުޅު ކެންސަލްކުރެއްވީ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބަދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް، ޝަރިއަތް ފެށުމުން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްގެ ދާދިފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީދަތުރުފުޅުން އަންގައިދެނީ އިންޑިއާ އަކީ އަދި ވެސް ރާއްޖޭ އާއި ގާތްއަވަށްޓެރިއެއް ކަމެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ދެ ގައުމުގެ ގުޅުން އޮންނަތާ ފަންސާސް އަހަރު މިވަނީ ވެފައި، [ސުޝްމާ ސްވަރާޖްގެ] މި ދަތުރަކީ ވަރަށް ފާހަގަކޮށްލެވޭ ދަތުރެއް. ސަބަބަކީ ޖޮއިންޓް ކޮމިޝަންގެ މަސައްކަތް އަލުން ފެށުން،" ދުންޔާ ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަ ވަނަ އަހަރު އުފެއްދި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ 2000 ވަނަ އަހަރު އެވެ. އެހެން ކަމުން މި ފަހަރު ބޭއްވި ބައްދަލުވުމަކީ ބައްދަލުވުމެއް ނުބާއްވާތާ ފަނަރަ އަހަރު ފަހުން ބޭއްވި ބައްދަލުވުމެކެވެ. އެ ކޮމިޝަން އުފެއްދީ ދެގައުމުގެ ގުޅުން ބަދަހިކޮށް އިގްތިސާދީ އަދި ފަންނީ ގޮތުން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުންދޭށެވެ.

ސުޝްމާ ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަކީ ފޮރިން މިނިސްޓަރު ދުންޔާގެ ދައުވުތަކަށް ކުރެއްވި ދަތުރެކެވެ. އެ ދަތުރުފުޅުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމިން އަބްދުލްގައްޔޫމާއި ބައްދަލުކުރައްވައިފަ އެވެ.