14 Oct 2015, 10:55
އިންޑިއާގެ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) އަށް ގެނައި ޕާނަކުން ދިރިހުރި މީދަލެއް ފެނިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އެއިމްސް އިން މިހާރު ވަނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ. އަދި އެ ފަރާތްތަކުން ޕާން އުފެއްދި ކުންފުންޏާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން ހާމަކޮށްފައެއް ނުވެއެވެ.
އެއިމްސް އަކީ ސައިންސާއި މެޑިކަލް ދާއިރާއިން ގިނަ ބަޔަކު ތައުލީމުވެސް ހާސިލްކޮށް ތަޖުރިބާ ހޯދަމުން އަންނަ ތަނެކެވެ. އަދި އެތަނުގައި ބަލިމީހުން އެޑްމިޓްކޮށް ފަރުވާވެސް ދެމުން ގެންދެއެވެ.
މީދާ ފެނިފައި ވަނީ އެތަނަށް ގެނައި ބުރައުން ބްރެޑަކުންނެވެ. އެއީ ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ ޕާނެކެވެ. އެ ވައްތަރުގެ ޕާން އެތަނަށް ގެންނަނީ އޮޕަރޭޝަންތައްކޮށްފައިވާ މީހުންނަށް ކާންދިނުމަށެވެ.
އެއިމްސްގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޝަރުމާ އާ ހަވާލާދި އިންޑިއާގެ ނޫސްތަކުން ބުނީ އެކަމާ ގުޅިގެން ޕާން ސަޕްލައިކޮށްދިން ކުންފުނީގެ ލައިސަންސް ކެންސަލްކޮށް ބޮޑު އަދަދަކުން އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.