29 Mar 2011, 10:41
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން، ޢާންމުކޮށް މިގޮތަށް މަޖިލީހުގެ ޖަލްސާތައް ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވުމަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ، މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތަކާއި ހަދަން ޖެހިފައި ހުރި ގާނޫނުތައް އެންމެ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދެވުމަށްޓަކައި ޕާޓީތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހުގެ އިއްޔެ ޖަލްސާ ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވި މައްސަލައަށް ބައްލަވާލައްވަމުން ޝާހިދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް އެގޮތަށް ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވުމަށް، މަޖިލީހަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅޭކަން ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. އަދި މަޖިލީހުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މަޖިލީހުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ.