ދިމިޝްގު (އޮކްޓޯބަރ 14): ރަޝިޔާ އިން ސޫރިޔާގައި ކުރަމުންގެންދަނީ ސަލީބީ ހަނގުރާމައެއް ކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް ޖިހާދުކުރުމަށް ސޫރިޔާގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާ ޖަމާއަތުގެ އަމީރު އަބޫމުހައްމަދުލްޖޫލާނީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުންނަށް ގޮވާލައިފި އެވެ.

އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ އޯޑިއޯ މެސެޖެއްގައި އަބޫމުހައްމަދުލްޖޫލާނީ ރަޝިޔާ އަށް އިންޒާރު ކުރަމުން ބުނެފައި ވަނީ ސޫރިޔާގެ ބިމުގައި ރަޝިޔާ ބަލިކުރާނެ ކަމުގަ އެވެ. ޖޫލާނީގެ މެސެޖްގައި ރަޝިޔާއާ ދެކޮޅަށް އާންމު ޖިހާދަކަށް ވެސް ގޮވާލާފައިވެ އެވެ. ޖަބްހަތުއްނުސްރާ ޖަމާއަތަކީ އިރާގާއި ސޫރިޔާގެ ބާޒާރުތަކުގައާއި މަގުތަކުގައި ބޮންގޮއްވައި އަމިއްލައަށް މަރުވެގެން އެދެގައުމުގެ އާންމުންނަށް ހަމަލާދީ އަންހެނުންނާއި ކުޑަކުދިން މެރުމުގައި ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. މީގެއިތުރުން ޖަބްހަތުއްނުސްރާ ޖަމާއަތަކީ ޖިހާދުގެ ނަމުގައި އައިއެސް ޖަމާއަތާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަމުން ގެންދާ ޖަމާއަތެކެވެ.

އަނެއްކޮޅުން އައިއެސް ޖަމާއަތަކީ ވެސް ޖިހާދުގެ ނަމުގައި ޖަބްހަތުއްނުސްރާ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ޖަމާއަތެކެވެ. މި ދެ ޖަމާއަތުން ދުނިޔޭގެ މުސްލިމް ޒުވާނުން އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކުރާ ބަދަލުހިފުމުގެ ހަނގުރާމައަށް މުސްލިމުން ޒުވާނުން ވެއްދުމަށްޓަކައި ޖިހާދުގެ ނަމުގައި ވަރުގަދަ ޕްރޮޕަގެންޑާ ފަތުރަމުން ގެންދެ އެވެ. އައިއެސް ޖަމާއަތަކީ އިސްލާމީ ދުނިޔޭގައި ފަހުގެ ތާރީޚެއްގައި ނުއުފެދޭވަރުގެ ނުރައްކާތެރި ޖަމާއަތެކެވެ. މިޖަމާއަތުގެ ހަނގުރާމައިގެ މައިދާނަކީ އިރާގާއި ސޫރިޔާގެ އިތުރުން ސައޫދީ އަރަބިޔާއާއި ޔަމަންފަދަ އިސްލާމީ ގައުމުތަކުގެ މިސްކިތްތަކާއި ބާޒާރުތަކާއި މަގުތަކެވެ. މިތަންތަނުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެން ބޮންގޮއްވައި ކުށެއްނެތް ފިރިހެނުންނާއި ކުޑަކުދިންނާއި އަންހެނުން މަރަމުން ގެންދެ އެވެ.

އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ބޭނުންގޮތެއް ހަދައި އެމުގައްދަސް ބިނާގެ ހުރަމަތް ކަނޑަމުންދާއިރު ވެސް އަދި އިސްރާއީލުން ފަލަސްތީނުގެ މާބަނޑު މީހުން މަރަމުން ގެންދާއިރު ވެސް މިދެ ޖަމާއަތުންކުރެ އެއްޖަމާއަތުން ވެސް އިސްރާއިލާ ދެކޮޅަށް އަޑުއުފުލާފައެއް އަދި އިންޒާރެއް ވެސް ދީފައެއްނުވެ އެވެ. އައިއެސް ޖަމާއަތަކީ މުސްލިމުންނާއި އިސްލާމް ދީނުގެ ނަން ހުތުރުކޮށް މުސްލިމުންގެ އެތެރެއިން މުސްލިމުން ހަލާކުކޮށްލުމަށްޓަކައި އެމެރިކާ ގެ ސިއްރު އެހީގައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ޖަމާއަތެއްކަމަށް އިސްލާމީ ދުނިޔޭގެ ގިނަ ބަޔަކު ދެކެ އެވެ.

މިދެޖަމާއަތަކީ ވެސް އެދެޖަމާއަތުގެ ފިކުރާ އިދިކޮޅު އަދި އެދެޖަމާއަތާ ދުޝްމަން ކޮންމެ ބަޔަކީ ކާފަރުންކަމަށް ހަދާ ތަކްފީރީ ވިސްނުމުގެ ދެ ޖަމާއަތެވެ. މިދެ ޖަމާއަތުން ކުރެ ކޮންމެ ޖަމާއަތެއްގެ ނަޒަރުގައި އަނެއް ޖަމާއަތަކީ ކާފަރު ޖަމާއަތެކެވެ. (ނޫސްއެޖެންސީތައް)