ތައުލީމުގެ އިތުރުން މަސައްކަތް ވެސް ދަންނަ ދަރިވަރުންތަކެއް މުޖުތަމައަށް ނެރުމަށް މަސައްކަތް ކޮށްދެއްވުމަށް ސަން ސިޔާމް ފައުންޑޭޝަންގެ ބާނީ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ގޮވާލައްވައިފި އެވެ.

ނ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ސްކޫލުތަކުން ކިޔަވައިދޭ އިރު ވިސްނަން ޖެހޭ ކަމަކީ ހުރިހާ ދަރިވަރުންނަކީ ތައުލީމީ ގޮތުން މޮޅު ދަރިވަރުންނަށް ނުވާނެ ކަމަށެވެ. އެހެން ކަމުން އެ ދަރިވަރުންނަކީ ސްކޫލު ދައުރު ނިމެންވާއިރަށް މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި ބަޔަކަށް ހަދަން ޖެހޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ސަރުުކާރުން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމްގައި އެ ދަރިވަރުން [ތައުލީމީ ގޮތުން އެހާ މޮޅު ނޫން ދަރިވަރުން] ބައިވެރި ކުރުވައި އެ ކުދިންނަކީ މަސައްކަތްތެރި އަދި ބޭނުން ހިފޭ ދަރިވަރުން ކަމުގައި ހަދަން ޖެހޭ. އެހެން ކަމުން ދަސްވާރު ޕްރޮގްރާމަށް ކުދިން ލިބޭ ކަމުގައިވާ ނަމަ މެކޭނިކަލްގެ ދާއިރާއިން ނުވަތަ އިލެކްޓްރިކް ދާއިރާ ނުވަތަ ރިސޯޓުގައި މަސައްކަތްކޮށްގެން ނަމަވެސް ގިނަ ދަރިވަރުންތަކަކީ ބޭނުންތެރި ބައެއް ކަމުގައި ވާނެ،" ސިއާމް ވިދާޅުވި އެވެ.

ނ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ޝަރަފުވެރި މެހްމާން އަހުމަދު ސިޔާމް މުހައްމަދު ރޭ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ އަހުމަދު ޖައިޝަން

މަސައްކަތުގެ މާހައުލުން ތަޖުރިބާ ހޯދުމަށް ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމަށް ބާރު އެޅުމުގެ ގޮތުން އިރުފުށި ރިޒޯޓުން ގިނަ ފުރުސަތުތަކެއް ހުޅުވާލުމަށް މަސައްކަތް ކުރައްވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. އެގޮތުން ދަރިވަރުން ކޮންމެ ދުވަހަކު ރިސޯޓަށް ގޮސް އައުމަށް ފެރީގެ ހިދުމަތް ފޯރު ކޮށްދޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ޒަމާނާ އެކު ގައުމު ކުރިއަރަމުން އަންނަ އިރު ރަނގަޅުގޮތުގައި ދަރިވަަރުންނަށް ތައުލީމު ހާސިލްކޮށްދޭން ބޭނުންވާ ނަމަ ޓެކްނޮލޮޖީގެ ފަހުގެ ބޭނުންތައް ކޮށްގެން ކިޔަވައިދޭން ޖެހޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އެގޮތުން ސަން ސިޔާމް ފައުންޑޭޝަންގެ ފަރާތުން ވެލިދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒު ޑިޖިޓަލް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ސްކޫލުތަކުގައި މިއަދު ކިޔަވައިދޭން ޖެހޭ. އަޅުގަނޑު ދެކޭގޮތުގައި ރަނގަޅު ގޮތުގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދަރިވަރުންނާއި ޓީޗަރުން އިތުރަށް ކުރިއަރަން ޖެހޭ. އެހެން ކަމުން ﷲގެ އިރާދަފުޅާ އެކު ސަން ފައުންޑޭޝަން އާއި އަޅުގަނޑުގެ އަމިއްލަަ ހަރަދުގައި ހަ ކްލާސްރޫމް ޑިޖިޓަލް ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަމަވަން،" ސިއާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އެ ރަށުގެ ގިނަ ފަރާތްތަކުން ބުނި ގޮތުގައި ސްކޫލުގެ ހަ ކްލާސްރޫމް ޑިޖިޓަލް ކޮށްފި ނަމަ ގިނަ އުނދަގޫކަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ. އެހެން ކަމުން އަންނަ އަހަރުގެ ތެރޭގައި ހަ ކްލާސް ރޫމް ޑިޖިޓަލް ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.